ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީީ) އިން ބުނެފިއެވެ.

ހަލި ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރ. ކިނޮޅަހާއި ބ. ގޮއިދު އާއި ނ. މާޅެންދޫގެ އިތުރުން ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ގައިމް ކުރުމުގެ މަސައްކަތް އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށްދަނީ އެ ހަތަރު ރަށުގައި އެކަންޏެވެ.

އޭގެތެރެއިން ކިނޮޅަހުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 38 އިންސައްތަ މަސައްކަތް މިހާރު ނިމިގައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

"ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ކިނޮޅަހަށް ގެންދެވިފައި. ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މިމަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަސް،" އޮފިޝަލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އިން ބުނީ ބ. ގޮއިދޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 20 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ގޮއިދޫއަށް ގެންދެވިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިމަޝްރޫޢުގެ ވެސް މުއްދަތަކީ 22 މަސް ދުވަސް،" އޮފިޝަލް ވިދާޅުވިއެވެ.

މާޅެންދޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 25 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެކުންފުނިން ބުންޏެވެ.

"ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަނީ ކުރަމުން. މިމަޝްރޫޢުގެ މުއްދަތަކީ ވެސް 22 މަސް ދުވަސް،" އޮފިޝަލް ވިދާޅުވިއެވެ.

ކުޑަފަރީގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 16 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި އެ މަޝްރޫޢުގެ މުއްދަތަކީ ވެސް 22 މަސް ދުވަސް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ސަރުކާރު އައިފަހުން މިހާތަނަށް ނިމިފައި ވަނީ ދެ ރަށެއްގައި ކުރިއަށްދިޔަ މަޝްރޫއުތަކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. ކުރެންދޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު، އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ އއ. ރަސްދޫގެ ފެނުގެ ނިޒާމް ގާއިމްކޮށް ނިމިފައެވެ.

މީގެއިތުރުން ދެ ރަށެއްގައި ނުނިމި ހުރި ޕްރޮޖެކްޓްތަކެއް ނިންމުމުގެ މަސައްކަތް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެއީ ޅ. ނައިފަރާއި ތ. ވޭމަންޑޫ އެވެ.

ނައިފަރުގެ ފެނާއި ނަރުދަމާ ގައިމް ކުރުމުގެ މަސައްކަތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫޢު ފެށުމަށްޓަކައި މިހާރު ރަށުގައި ވަނީ މޮބަލައިޒް ވެފައި ކަމަށެވެ. އަދި އެ މަޝްރޫއުގެ އީއައޭ ގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވޭމަންޑޫގެ ފެނުގެ ނިޒާމްގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލު ކުރީ 26 އޮކްޓޫބަރު ގައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއަށް ބޭނުންވާ ތަކެތި މިހަފްތާ ތެރޭގައި އެ ރަށަށް ފޮނުވޭނެ ކަމަށެވެ.

މީގެއިތުރުން 24 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން އެޕްރޫވަލް ގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ އެ 24 ރަށަކީ ގދ. ވާދޫ، ގދ. ފިޔޮރީ، ބ. ކެންދޫ، ބ. ދަރަވަންދޫ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ހއ. ވަށަފަރު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ށ. ގޮއިދޫ، ނ. މާފަރު، ނ. ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، ބ. މާޅޮސް، ޅ. އޮޅިވެލިފުށި، އއ. ހިމަންދޫ، އއ. ފެރިދޫ، އދ. ކުނބުރުދޫ، ހއ. މުރައިދޫ، ށ. ފީވަށް، ނ. ހެބަންދޫ، ރ. އިންނަމާދޫ، އއ.މަތިވެރި އެވެ.