ރަސްގެފާނު ޗާލްސް 3ގެ ރަސްކަމުގައި ރާއްޖެއާއި ޔޫކޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ޗާލްސް3 އިނގިރޭސި ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރަސްގެފާނު ޗާލްސްއަށް މަރުހަބާ ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހުގެ ޓުވީޓުގައި ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ރަސްކަމާއެކު ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އިނގިރޭސިވިލާތުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ވެޑުވުމުގެ ރަސްމިއްޔާތު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދެހާސް ދުއިސައްތައަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ. މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިންވެސް މިއިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްއިން، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ ޢިއްޒަތުގައެވެ.