މިހާރު ކުރިއަށްދާ އިނގިރޭސި ޕްރިމިއަރ ލީގް ނިމުމުން، ލީވަޕޫލްގެ ތަޖުރިބާ ކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ، ބްރައިޓަނަށް ބަދަލުވުމުގެ ކަންކަން ހަމަޖެހިއްޖެއެވެ.

މިސީޒަނުގައި ޒުވާން ޓީމަކާއެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބްރައިޓަނުން މިލްނާ ގެންނާނީ ފްރީ ޓްރާންސްފާއެއްގައެވެ. މިލްނާ،37، ގެ ކޮންޓްރެކްޓް އާނުކުރަން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ނިންމީ ޓީމުގެ މެދުތެރެ ވަރުގަދަ ކުރަން ޒުވާން މިޑްފީލްޑަރުންތަކެއް ގެނައުމަށް ބޭނުންވާތީއެވެ.

މިލްނާގެ އިތުރުން މިސީޒަން ނިމުމުން ދެމިޑްފީލްޑަރުން ކަމުގައިވާ އޮކްލޭޑް ޗެމްބަލެއިން އާއި ނަބީ ކެއިޓާ ދޫކޮށްލުމަށްވެސް ލިވަޕޫލްއިން ވަނީ ނިންމާފައެވެ.

މިލްނާ، ބްރައިޓަނާ ގުޅުމަށް ހަމަޖެހިފައި ވަނީ އެއްސީޒަނަށެވެ. އެކަމަކު ބްރައިޓަނުން އޭނާއަށް ދޭނީ ކިހާވަރެއްގެ މުސާރައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ 8 އަހަރު ކުރިން މެންޗެސްޓަރ ސިޓީއިން ދޫކޮށްލުމުން ލިވަޕޫލްއާ ގުޅުނު މިލްނާ ވަނީ ލިވަޕޫލްއާއެކު ޖުމްލަ 7 ތަށި ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގް ހިމެނެއެވެ. ސިޓީއާއެކުވެސް މިލްނާ ޕްރިމިއަރ ލީގް ކާމިޔާބު ކުރިއެވެ.