ހުޅުމާލޭ މަގުތަކުގެ ޕޭވްމަންޓުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތްދެމުން ދާތީ އެގޮތަށް ޕޭވްމަންޓު މަތީ ހިދުމަތް ދިނުން ހުއްޓާލުމަށް، އާބަންކޯ އިން އަންގައިފިއެވެ. އާބަންކޯއިން މިގޮތަށް އަންގާފައި ވަނީ، ބައެއް ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގެ ކައިރީ ޕޭވްމަންޓު މަތީ ގޮނޑިއާއި މޭޒުތައް ބަަހައްޓާފައި ވާތީ އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުން އަންނާތީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި އާބަންކޯއިން ބުނީ އެ ކުންފުނިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުން ގެންދެއެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް އެކުންފުނީގެ ފަރާތުން ވާނީ އަންގާފައިކަމަށްވެސް ބަޔާނުގައި ވެއެވެ.

ޓޭކްއަވޭ ވިޔަފާރި އާއި ކެފޭ ހިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެއަކީ އެންމެން ވެސް ހިތްހަމަޖެހޭ ބަދަހި މުޖުތަމައެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ. ނަމަވެސް މަގުތަކަކީ އެންމެން ބޭނުންކުރާ ތަނަކަށް ވާއިރު، ޕޭވްމަންޓުތަކުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.