އެމެރިކާގެ ޓެކްސަސްގެ ޝޮޕިންގ މޯލްއެއްގެ ތެރޭގައި ހަތިޔާރު އަޅައިގެން ހުރި މީހަކު ބަޑިން ހަމަލާދީ 8 މީހުން ދާދި ދެންމެ މަރާލައިފިއެވެ.

މަރުވީ މީހުންގެ ތެރޭގައި ކުޑަ ކުދިން ހިމެނޭ ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ ބީބީސީއިން ބުނީ ބަޑިން ހަމަލާދިން މީހާ ހުރީ ކަޅުކުލައިގެ ހެދުމެއް ލައިގެން ކަމަށާއި އޭނާ ގެންގުޅުނީ އޭއާރު-15 މަރުކާގެ ރައިފަލެއް ކަމަށެވެ. ހަމަލާދީން މީހާ އާއި ފުލުހުންނާ ދެމެދު ހިނގި ކުރުމަތިލުންތަކުގައި ފުލުހުން ވަނީ އެމީހާ މަރާލާފައެވެ.

ޓެކްސަސްގައި އުމުރުން 21 އަހަރުވުމުން ބަޑި ގެންގުޅެން ހުއްދަ ލިބެއެވެ. އެކަމަކު ބަޑި ގެންގުޅޭ ވަރަށް ގިނަބަޔަކު ބަޑި ގެންގުޅެނީ ހުއްދަ ނުނަގައި ކަމަށް އެމެރިކާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގައި މިފަހުން ވަނީ ސްކޫލްތަކަށާއި އާންމުން އެއްވެ އުޅޭ ތަންނަތަނަށް ބަޑިން ހަމަލާ ދިނުން އާންމު ކަމަކަށްވެފައެވެ. މިފަދަ ހަމަލާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލުނުނަމަވެސް މިއީ ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައި އެމެރިކާގެ މީޑިޔާތަކުން ލޭބަލްއެއް ނުކުރެއެވެ.