މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ތުޅާދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެެއްކަމަށެވެ. އަދި މި މަހު 5 ވަނަ ދުވަހު ތުޅާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު އެރަށު މަގުމަތިން ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 3 ވަނަ ދުވަހު ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި

އެ އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ