ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުމާމްގެ ފަރާތުން ހުށަހަޅައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލު ގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓަށް ސާބިތުވާކަމަށް ކޯޓުން ހުމާމް މެރުމަށް ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމަށް ހައިކޯޓުން ތާއީދު ކުރީ 2015 އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމަށް ނިންމީ 2016ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ދެމެހެއްޓުމަށް ނިންމިތާ ހަ އަހަރު ނިމި ހަތް ވަނަ އަހަރު ފުރެން ކައިރިވެފައި ވަނިކޮށް މި މައްސަލަ ހުމާމްގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ، ރިވިއުކުރުމަށް އެދިކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަކި ހާލަތެއްގައި ރިވިއު ކުރެވޭ އުސޫލެއް އޮވެއެވެ. އެގޮތުން ކުރީގެ ބައެއް ހުކުމްތައް ވަރަށްފަހުން ވެސް ސުޕްރީމް ކޯޓުން ރިވިއު ކޮށްފައި ވެއެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ވަނީ ދޫކޮށްލައިފަ އެވެ.

ހުމާމުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހު ފަހުކޮޅުއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.