"ޗައިލްޑް އޮފް ރޭޖް"، ބެތު ތޯމަސް ގެ ވާހަކައަކީ ހިތްތައް ރޮއްވާލާ އިންތިހާއަށް އަސަރު ކުރުވާ ވާހަކައެކެވެ. މިއީ ފަހަރެއްގައިވެސް ލިޔުންތެރިއަކު ލިޔެ، ޑައިރެކްޓަރަކުގެ މޮޅު އާރުކާޓީގެ ދަށުން ކުޅުވާފައިވާ ފިލްމެއް ނޫނެވެ. ބެތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމަކީ ހަގީގީ ހަޔާތެއްގެ ވާހަކައަށް 1992 ވަނަ އަހަރު، އެމެރިކާގައި، ލެރީ ޕީއާސް ޑައިރެކްޓް ކޮށްފައިވާ ފިލްމެއްކަން ޔަގީނެވެ. އެހެންނަމަވެސް ބެތުގެ އިންޓަރވިއު މިއަދުވެސް ޔޫޓިއުބުން ބަލާލުމުން ހިތަށް ކުރާ އަސަރުތައް އެފިލްމުން ކުރާ އަސަރުތަކަށްވުރެ ބޮޑެވެ. އެހެނީ އެއްގަޑިއިރުގެ އެ އިންޓަވިއުގައި، އެންމެ 6 އަހަރުގެ ކުޑަކުޑަ ބެތު ތޯމަސްގެ ދުލުން ކިޔައިދެނީ އޭނާގެ މައުސޫމު ޅަފުރާގައި ކުރިމަތިލި އަދި ފެނުނު ކަންތައްތަކުގެ ވާހަކަތައް ކަމަށްވާތީއެވެ. އަދި އެއްވެސް އަސަރެއް ނެތި އެހާ ބޮޑެތި ވާހަކަތައް އެވަރުގެ ކުޑަ ކުޑަ ކުއްޖަކު ކިޔައިދޭއިރު އަސަރު ނުކުރާނެ ހިތެއް ނުހުންނާނެކަން ގައިމެވެ.
މިހާރު 40ގެ އަހަރުތައް ގުނަމުންދާ، ބެތުތޯމަސްގެ ވާހަކަ ފެށެނީ އޭނާއާއި އޭނާގެ ކޮއްކޮ ޖޮނަތަން އެޑަޕްޓް ކުރި މައިންބަފައިން ސައިކޭޓްރިސްޓަކާ ހަމައަށް ސީރިއަސް މައްސަލައެއް ހިފައިގެން ދާ ހިސާބުންނެވެ. ދެފަހަރު ގޮސްގެން ކާމިޔާބު ނުވެފައި ވަނިކޮށް މި ސައިކޭޓްރިސްޓް އެމީހުންނަށް އުންމީދުގެ އަލިކަމެއް ދެއެވެ.
ބެތުއާއެކު އޭނާގެ ނަފްސާނީ އެހީތެރިޔާ އޭނާގެ ހާއްސަ ސައިކޭޓްރިސްޓް ވާހަކަދައްކަމުން ކުރި ސުވާލުތަކުން އޭނާގެ ވާހަކަ ކުރިއަށް ގެންދާނަމެވެ.
ޖޫލީ އާއި ޓިމް ކުއްޖަކު އެޑޮޕްޓް ކުރަން އެދުމުން އެމީހުންނަށް ވަރަށް އަވަހަށް ދެކުދިން ލިބުނު ކަމުގެ ހަބަރު ލިބެއެވެ. އެޑަޕްޓް ކުރުމަށް އެދޭތާ އެތައް އެތައް މަހެއް ވާއިރުވެސް ގިނަ މީހުންނަށް ނުލިބޭ ނަސީބެއް މިންވަރުވުމުން ދެމަފިރިން އަވަހަށް ކުދިންނާ ހަވާލުވެއެވެ. ހަމައެންމެ ތިން އަހަރަށް ދާ ބެތު އަށް ކާން ލިބޭ ހަމައެކަނި އެއްޗަކީ ކުޑަކުޑަ ސީރިއަލްކޮޅެކެވެ. އެންމެ ސީރިއަލް ޕެކެޓަކުން ކުޑަކުޑަ ބެތު މަސްދެމަސް ކާންޖެހެއެވެ. ކޮށިގަނޑެއްކަހަލަ ތަނެއްގައި ދިރިއުޅެމުން ދިޔައިރު ކޮއްކޮ ޖޮނަތަން އޮތީ ހަލާކުވެފައިވާ ކުޑަކަމުދާތަކެތިން ނަޖިސްވެފައިވާ ކްރިބެއްގައެވެ. އޮތްގޮތަށް އޮތުުމުގެ ސަބަބުން ބޮލުގެ ފުރަގަހުން ފަތާވެފައެވެ. ބުރަކަށި ފާރުވެފައެވެ. ކާނެބޯނެ އެއްޗެއް ނުލިބި އަނަރޫފަވެފައެވެ.
ބެތުގެ މަންމަ މަރުވީ އޭނާގެ އުމުރުން ހަމަ އެންމެ އަހަރުވީތަނާއެވެ. ބައްޕައަކީ ރާބުއިމުގައި ހަލާކުވެފައި ހުރި މީހެކެވެ، ބޮޑުދައިތައަކީ ސްޓްރައިޕްޑާންސަރެކެވެ. ދެކުދިންގެ ނިކަމެތި ހާލުން ކުދިން ނެގި ފަރާތުން ޓިމްމެނަށް ފުރަތަަމަ ދޮގުހެދި ނަމަވެސް ކޮންމެ ހާލެއްގައި ތިއްބަސް އެމީހުން ދިޔައީ ކުދިން ގޮވައިގެންނެވެ.
ބޮޑުވަމުން ދިޔަ ވަރަކަށް ބެތުގެ ގައިން ފެންނަމުން ދިޔައީ ކަންބޮޑުވާން ޖެހޭ ކަހަލަ މަންޒަރުތަކެކެވެ. އެވަރުގެ ކުޑަ ކުއްޖަކު ހަމައެންމެ 5 އަހަރުގެ ކުއްޖަކު އަމިއްލައަށް، ކިތަންމެ މީހުން ގިނަ ތަނެއްގައިވިޔަސް އަމިއްލަ ޖިންސީގުނަވަންތަކުގެ ބަދުއަހުލާގީ އަަމަލުތައް ކުރުމަކީ އަޅާނުލާވަރުގެ ކަމެއްނޫނެވެ. އެވެސް ކިތަންމެ ނަސޭހަތެއްދީ ބުނެދިނަސް އެއްވެސް ފަރަގެއް ބަދަލެއް ނައިސް ކުރިއަށް ދާ ކަމަށްވަންޏާ އެއީ ބޮޑު ހަމަ ވަރަށް ބޮޑުކަމަކަށެވެ. މިއަދަބެއް ނެތް ހުތުރު ކަންތައް މިކުޑަކުއްޖާ އޭނާގެ އަމިއްލަ ޖިންސީގުނަވަން ހަލާކުވެ ލޭކޮށެންދެން ތަކުރާރުކުރެއެވެ. އަނެއްކޮޅުން ހަގު ކޮއްކޮ ޖޮނަތަންއަށްވެސް ޕިން އާއި ތޫނު ކަހަލަ އެއްޗެހިން އަނިޔާކޮށް ރޮއްވައެވެ. އަދި އެންމެ ނުބައިވެގެންވާ ގޮތަށް ކޮއްކޮއަށް ޖިންސީ ގޯނާ ކުރެއެވެ. އޭގެވެސް އެންމެ ހުތުރު އަދި އަނިޔާވެރި ގޮތްގޮތަށެވެ. ކޮއްކޮގެ ފުރަގަހަށްވެސް އަނިޔާ ކޮށް ޒަހަމް ކުރެއެވެ. ދޫންޏާއި ގެންގުޅޭ ކުއްތާ، ބުޅާ ކަހަލަ ބެތުއަށް ދީފައިވާ ޕެޓްތަކަށް ގޯނާކޮށް މަރައެވެ.
ދުވާލުގެ އަލިކަމުން ރެކި ރޭގަނޑު ވުމުން ހައްދު ފަހަނައަޅައި ދާން ފެށީ ވަޅިން ދޫނި، ޖަނަވާރުތައް ޒަހަމް ކުރަން ފެށުމެވެ. ކުޑަކުޑަ ބެތުގެ ގޯނާ ކުރުން ބޭރުގައި ތިބޭ މީހުންނަށް ފޯރަން ފެށުމުން މައްސަލަ ހައްދު ފަހަނައަޅައި ދަނީކަން އެނގުމުން ނަފްސާނީ ބަލިތަކާ ބެހޭ މީހުންނަށް ދައްކަން ފެށުނެވެ. އޭގެ ތެރެއިން ބެތުގެ ހާލު ވަޒަން ކުރެވުނު ނަފްސާނީ ބަލިތަކުގެ ހާއްސަ ތެރަޕިސްޓް ސެޝަނެއްގައި ހުރިހާ ވާހަކައެއް އެކުޑަކުއްޖާ ކިޔައިދެއެވެ.
ދުނިޔެއަށް އުފަންވެ އެއްއަހަރުވީއިރު އުފަން ބައްޕަ ޖިންސީ ގޮތުން ބެތުއަށް އަނިޔާ ކުރަން ފަށައިފިއެވެ. އެއަށްވުރެ ތުއްތުއިރު ނުކުރާކަމެއް އެނގޭނީ ކިހިނެއްތޯއެވެ. އެފަކީރަށް ރޭކާ ލާން ފަށާނީ އުމުރު ތަންދީގެންތާއެވެ. އެއްއަހަރު ދެއަހަރު ތިންއަހަރާ ގާތްވީއިރު މަސްތުވެ އަމަލުވެގެން އުފަން ބައްޕަ ކުރަމުން ދިޔަ ހުތުރު އަމަލު ބެތު ދެއްކީ ކުރަހާފައިވާ ތަސްވީރަކުންނެވެ. އޭގައި އޭނާގެ ބައްޕަ ފެހިކުލައިގެ ތަނަކަށް އަތްލައިގެން އެެހެރީ މިވެނި ތަނެއްކަމަށް ބުނެއެވެ. ކުރެހުމގައި އޭނާ ވަރަށް ބޮޑަށް ރޮވޭ ކަމަށާއި އެއީ ތަދާއި ބިރުގެ އިހުސާސްތައްކަމަށް ބުނެދެއެވެ.
ކޮއްކޮއަށް ގޯނާކޮށް މަރާލަން ބޭނުންވާކަމަށް ބުނުމުން ސަބަބު އެހުނެވެ. ބެތު ބޭނުން ވަނީ އޭނައަށް ކުރިމަތިވީ ކަންތައްތަކާ ޖޮނަތަން ކުރިމަތިނުލުމަށެވެ. ދޫނިތަކުގެ ކަރުގައި ހިފާ އަބުރައެވެ. އެއީ އެކުޑަކުޑަ މައުސޫމު ކުއްޖާގެ އެތެރެހަށިގައި ފޮރުވިފައި ހުރި ބިރާއި ނަފުރަތެވެ. ބެތުގެ އެއްވެސް އިހުސާސެއް ނެތެވެ. ދެރަވާކަށް ރުޅިއަންނާކަށްވެސް ނޭނގެއެވެ.
އެހާ ކުޑަކުޑައިރު ކޮންމެ ދުވަހަކު ބެތު އަމިއްލައަށް ބޭއަދަބީ ކަންތައް ކުރާ ސަބަބު އަހާލުމުން ޖަވާބަކަށް ވީ އެއީ ހަލާކު ކުރަން ކުރާ ކަމެއްކަމަށެވެ. ތިން އަހަރުވަންދެން މެދުނުކެނޑި މިކުއްޖާއަށް ލިބުނު އަނިޔާއަކީ އަދިވެސް ލިބެން ޖެހޭ އަނިޔާއަކަށް ވާން ޖެހޭކަމަށް ބެތު ގަބޫލު ކުރެއެވެ.
ސެޝަނަށްފަހު ބެތުތޯމަަސް (ރިއެކްޓިވް އެޓޭޗްމަންޓް ޑިސްއޯޑާރ - އާރްއޭޑީ) ރޭޑްއަށް ތެރަޕީ ދޭން ފެށްޓިއެވެ. މަޑުމަޑުން ބެތު ދިޔައީ ތަފާތު ބޮޑު ބަދަލެއް ގެންނަމުންނެވެ. އޯގާތެރި ހެޔޮލަފާ މީހަކަށް ވަމުންނެވެ.
ބެތު ތޯމަސް އަކީ އެތައް ގޮތަކުން އިބްރަތެކެވެ. ދިމާވި އެތައް ގިނަ އަނިޔާވެރި ހާދިސާތަކަށްފަހު މިހާރު ބެތު ދަނީ އޭނާގެ ފިރިމީހާއާއެކު އުފާވެރި، އަމާން ދިރިއުޅުމެއް ހޭދަކުރަމުންނެވެ. ބެތު ތޯމަސް އަކީ ހިތްވަރުގަދަ ކަމާއި ސާބިތު ކަމުގެ ނަމޫނާ ހެއްކެކެވެ. އަދި ދިރިއުޅުމަށް އެތައް ފުރުސަތުތަކެއް ފެއިލް ވުމަށްފަހުވެސް ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމައަށް އޭނާ ވަނީ ހިފާފައެވެ. އޭނާއަކީ މިހާރު ހިދުމަތްތެރި ނަރުހެއްވެސް މެއެވެ. އަދި ލިޔުންތެރިއެއްވެސް މެއެވެ.
ޖިންސީ ގޯނާއާއި ބަނޑުހައިވެ ކާއެއްޗެއް ނުލިބުން ފަދަ އަނިޔާވެރި އަމަލުތަކަކީ އޭގެ ޝިކާރައަކަށް ވާ މައުސޫމު ކުޑަކުދިންނަށް ކިތަންމެހާވެސް ބޮޑު އަދި ގަބޫލު ކުރަން ފަސޭހަ ނޫން ކަހަލަ ބަދަލުތައް ފެނެއެވެ. ގިނަކުދިންނަށް މިކަމުން ސަލާމަތް ނުވެއެވެ. ބެތުތޯމަސް އަކީ އެފަދަ ހުރިހާ ކުދިންނަށްވެސް ނަމޫނާއެކެވެ.