ހުޅުމާލޭގައި "ހަމްބޯޓެކް ކޮރެއާއިން" އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް އިން އެޕާޓުމަންޓު ގަނެފައިވާ މީހުންގެ ޝަކުވާ ހުށަހަޅަން ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަންބޯ ކޮމްޕެނީ ލިމިޓެޑާއި އާބަންކޯއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރަމުންދާ ކޭ- ޕާކް ރެޒިޑެންސް އެޕާޓުމެންޓުތައް، ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން އެކި ފަރާތްތަކަށް، ކޭ- ޕާކް ރެޒިޑެންސް އެޕާޓުމެންޓު ވިއްކައި، އެ ފައިސާއަށް ހިޔާނަތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ކޭ ޕާކް ރެޒިޑެންސްއިން އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަށް މި ހިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓް ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން އެދިފައިވެއެވެ.

ކޭ- ޕާކް ނަމުގައި މަކަރާއި ހިލާތުން އެޕާޓުމެންޓް ވިއްކި މައްސަލައިގެ ތުހުމަތައް ފުލުހުން ވަނީ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.

ކޭ- ޕާކް ނަމުގައި މަކަރާއި ހިލާތުން އެޕާޓުމެންޓް ވިއްކި މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް "ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން"ނެވެ. ހަންބޯއިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިން ޑިރެކްޓަރ އަދި މައި ހިއްސާދާރު، ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫގެ ހިއްސާ އެކުންފުނީގައި 95 ޕަސެންޓް އޮންނައިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.