މީގެ 16 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އެހާއަވަހަށް ކާމިޔާބީ ހޯދިފައވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަ ކަމުގު ސަބަބުންކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ސުނާމީއަކީ ދިވެހި ތާރީހުގައި ދެކެފައިވާ އެންމެ ހިތްދަތި އެއްދުވަސް ކަމުގައެވެ. އެދުވަހު ދިވެހިރާއްޖެއިން ފެނިގެން ގޮސްފައިވަނީ ހަނގުރާމައިގެ ހާލަތްތަކުގައިވެސް ޤައުމުތަކުން ފެނިގެންދާނޭފަދަ ހިތްދަތި މަންޒަރުތަކެއް ކަމަށާއި އެތައްބައެއްގެ ގެދޮރާއި މުދާ ނެތިވެ، އެތައް ފުރާނައެއް ވަކިވެ ދިޔަކަމީ މިއަދުވެސް އެހިތާމަ ދިވެހިން ކުރަމުންދާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސުނާމީއަކީ ދިވެހި ރާއްޖެދުށް އެންމެ ހިތްދަތި ދުވަސް. އެދުވަހުގެ ރާޅުގައި އަޅުގަނޑުމެންގެ އަހުންނާއި އުހުތުންގެ ތެރެއިން އެތައްބަޔަކު ވަނީ ކަނޑުގައި އަރަގުވެ ނިޔާވެފަ. އެރާޅު ދިވެހި ރާއްޖެއަށް ދިން ގެއްލުން ދާދިގާތުން ދުށުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެގެއްލުމުގައި ހަނގުރާމައެއްގެ މައިދާނުގައި ލިބިފައިވާ ގެއްލުންތަކެއް ފަދައިން އަޅުގަނޑުމެންގެ ގެދޮރާއި، އަޅުގަނޑުމެންގެ ބިނާތައް ފުޑުފުޑުވެ، ރަށްތައް ގޮވާފައި ހުއްޓައި އަޅުގަނޑު ދުށިން. ދިވެހި ރައްޖޭގެ ރައްޔިތުންގެ ލޮލުން އެދުވަހު އަންނަމުންދިޔަ ކަރުނަ އަޅުގަނޑު ވަރަށް ގާތުން ދުށިން." ޝާހިދު ވިދާޅުވިއެވެ.

ސުނާމީގެ ހިތްދަތި ދަނޑިވަޅުން އަރައިގަތުމަށް ބޭރުގެ އެކި ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ލިބިގެންދިޔަ އެހީތެރިކަމަކީ މިފަދަ ދުވަހެއްގައި ޝުކުުރުވެރިކަމާއިއެކު ފާހަގަކުރަންޖެހޭ ކަންތައްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސުނާމީ ހާދިސާއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާއިކު ރާއްޖެއިން އެކަމުން އަރައިގަނެވިފައިވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އެހިތްދަތިކަމާއި އެ ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީވެސް އަޅުގަނޑު ދުށިން. އެކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ކޮބައިކަންވެސް އަޅުގަނޑަށް އެގޭ. އެހަޤީޤީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ދިވެހި ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއިއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ." ޝާހިދު ވިދާޅުވިއެވެ.

ކޮވިޑަ-19ގެ ޕެންޑެމިކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު މިއަދު ވެގެންދާއިރު ދިވެހި ރާއްޖެއާއި، މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށެވެ.

ކޮވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައްބަޔަކު މިކަމުގެ ހިތްދަތިކަމުގައި އުޅެމުންދާކީ މިއަދު އޮތް އެންމެބޮޑު ގޮންޖެނުންކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްވެސް ދިވެހި ޚިދުމަތްތެރިން ދައްކަމުންދާ ހިތްވަރާއި، އެއްބައިވަންތަކަމަކީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.