މި ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ފަރުމާ އިންޓާނޭޝަނަލް ޔޫތު ފެސްޓިވަލް 2023، މިރޭ ހުޅުއްވައިދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގައުމު ގައުމަކަށް ވަނީ ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. އަދި ރާއްޖެއަކީ ތަހުޒީބާއި ތަރައްގީގެ ސިފަތައް ގައުމަށް ގެނައުމަށް މަސައްކަތް ކުރާ ފަންނުވެރިން ތިބި އަދި އެފަދަ ފަންނުވެރި ފާޑުވެެރިންގެ އުފެއްދުންތައް ފެންނަ ތާރީހެއް އޮތް ގައުމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ފަންނުވެރިކަމަކީ އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. އެގޮތުގެ މަތީން މި ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަންނުވެރިކަމުގެ ތާރީހަށް ނަޒަރު ހިންގަވަމުން، އިތުރަށް ރައީސް ވިދާޅުވި ގޮތުގައި، ހުނަރުވެރި ދިވެހި ފަންނުވެރިން ތިބިކަން ދެނެގަނެވުނީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ކުރި ކަވި މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް ދާދި ފަހަކާޖެހެންދެން ވެސް، އެފަދަ ހުނަރުވެރީންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު އޮތީ ވަރަށް ހަނިގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ ހުޅުވިގެން ދިޔަ، އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވުމަކީ، ސަރުކާރުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމުލަ އަށް ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވާ "ފަރުމާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 އަކީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.

މިއަދުން ފެށިގެން މި މަހުގެ 13އަށް މި ފެސްޓިވަލް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގައެވެ.