ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވުމުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެއްކަމަށެވެ. އެއީ ޅ. ހިންނަވަރު، މާތިލަ އާދަމް މުހައްމަދުއެވެ.

ޖޭއެސްސީން އިން އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިންމީ، އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމުގައި ލަފާ ދިނުމަށް ކޮމިޝަނުގައި އެކުލަވާލާފައި އޮންނަ ކޮމިޓީން އެ ގޮތަށް ލަފާ ދިނުމުން ކަމަށެވެ.

އެ ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރުމަށް ނިންމިއިރު، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަން ކުރުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ހަވާލުކުރީ ވެސް ގާޒީ އާދަމް މުހައްމަދަށެވެ. އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ނިމާލް ޖުނައިދު އައްޔަންކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.