އިސްރާއިލު ސިފައިން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި ފަލަސްތީނުގެ ގައްޒާގެ 15 މީހުން މިރޭ ޝަހީދު ކޮށްލައިފިއެވެ.

ޝަހީދު ކޮށްލި 15 މީހުންގެ ތެރޭގައި 8 އަންހެނުންނާއި ކުޑަ ކުދިން ހިމެނޭކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަ ކުރައްވައެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރާ އިސްލާމިކް ޖިހާދް ޖަމާއަތުން ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިސްރާއިލުން ދިން ހަމަލާތަކުގައި އެޖަމާއަތުގެ އިސް 3 ކޮމާޑަރަކުވެސް މިހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. އަދި މީގެ ބަދަލު އިސްރާއިލް ކިބައިން ހިފާނެ ކަމަށް އިންޒާރު ކޮށްފައިވެއެވެ. ފަލަސްތީނުގެ އެހެން ޖަމާއަތްތެކޭ އެއްފަދައިން އިސްލާމިކް ޖިހާދް ޖަމާއަތުންވެސް އިސްރާއީލަށް ހަމަލާ ދިނުމަށް މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ރޮކެޓެވެ.

އިސްރާއިލުން މިރޭ ގައްޒާއަށް ދިން ހަމަލާތަކަކީ މިދިޔަ އޮގަސްޓްމަހުގެ ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ހަމަލާދިނީ ފަލަސްތީނުގެ މުޖާހިދުން ފިލާތިބި ތަންތަނަށެވެ. އަދި އިސްލާމިކް ޖިހާދް ޖަމައާތުން ކުރިމަތި ކޮށްފާނެ ނުރައްކަލަށް ފުރިހަމައަށް ތައްޔާރުވެ ތިބިކަމަށްވެސް އިސްރާއިލުގެ އަސްކަރިއްޔާއިން ވަނީ ހާމަ ކޮށްފައެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންތިބެ ފަލަސްތީނާ ދެކޮޅަށް މެދު ނުކެނޑި އުދުވާންތައް ހިންގަމުން އަންނަ ސަހްޔޫނީ ދައުލަތެކެވެ.