އިސްލާމްދީނާ ދެކޮޅަށް ލާދީނީ ރިޕޯޓެއް ލިޔެފައިވާ އެމްޑީއެންގެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކަމަށް ބުނެ، ދީން ޤަބޫލުނުކުރާ ކަމަށް އިއުލާނު ކޮށްފައިވާ އުފާ ފަހުމީ އިއްޔެ ކުރި ތުހުމަތުތައް، ތަހުގީގު ކޮށްދިނުމަށް ރައްޔިތުންގެ އިއްތިހާދުން އެދިއްޖެއެވެ.

އެގޮތުން އެއިއްތިހާދުގެ ރައީސް އިބްރާހިމް މުޙައްމަދު ސޮއި ކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން އަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީއެންގައި ފުލުހުންގެ މުއައްސަސާގެ އެންމެ އިސް ފަރާތް ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުގެ މަޤާމު މިވަގުތު ފުރަމުންދާ މުޙައްމަދު ނަޝީދުގެ ވަރަށް އިސް ދައުރެއް އޮންނަކަމަށާއި، މާތް ﷲ އަށާއި ލޮބުވެތި މާތް ނަބިއްޔާ (ޞޢޥ) އަށް ފުރައްސާކޮށް ވީޑިއޯ ހެދުމަށް އެ ދެ ފަރާތުން އަޑީގައި ތިބެގެން އުފާ ކައިރީގައި އެދުނު ކަމަށް ބަޔާން ކޮށްފައިވާތީ ، މި މައްސަލަ ތަޙްޤީޤު ކޮށްދިނުން އެދޭ ކަމަށެވެ.

"މިފަދަ ޙައްސާސް ތުހުމަތުތަކެއް ދައުލަތުގެ އެފަދަ އިސް މަޤާމުތަކެއްގަައި ތިބި ފަރާތްތަކެއްގެ މައްޗަށް ކުރެވުނު ހިނދު، ރައްޔިތުންގެ އިއްތިޙާދުން މަނިކުފާނުގެ އަރިހުން މިއެދެނީ މި މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މިހިނދުން މިހިނދަށް ތަޙްޤީޤުކޮށް މައްސަލަ ބައްލަވައި ދެއްވުމަށެވެ. އަދި މި މައްސަލައިގެ ބާވަތުންނާއި އެ ދެ ފަރާތުގެ މަޤާމާއި ޙައިސިއްޔަތުގެ ގޮތުން އެ ދެ ފަރާތުގެ ނުފޫޒުގެ އަސަރު ފޯރުމުގެ ފުރުޞަތު ތަނަވަސްކަމުން، މިވަގުތު މަޤާމާއި މަސްއޫލިއްޔަތުން އެއްފަރާތް ކުރެވިގެން ދާނެ ފަދަ ގޮތަކަށް އެ ދެ ފަރާތް އެކަހެރި ކޮށްދެއްވުމަށެވެ." ރައްޔިތުންގެ އިއްތިހާދުން ފޮނުވި ސިޓީގައި އެދިފައިވެއެވެ.

އުފާ އިއްޔެ ހާމަ ކުރި ވީޑިއޯ ގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އާއި ގުޅޭ ރިޕޯޓެއް އެންމެ ފުރަތަމަ އޮންލައިން ނޫން "ވަގުތު" އިން ލިޔުނު ކަމަށާއި އެކަމާ ގުޅޭގޮތުން އުފާ އަށް "ހިމާޔަތް" ދޭނެ ކަމަށް ބުނެ އެއަހަރުގެ އޯގަސްޓު މަހު އެމްޑީއެން އިން އުފާއާ ވާހަކަ ދެއްކި ކަމަށެވެ. އެގޮތުން އޭނާއަށް ރައްކާތެރިކަން ދިނުމަށް ބޮޑީގާޑުން ހަމަޖައްސާނެ ކަމަށް ބުނި ކަމަށް ވެސް އުފާ ބުނެފައިވެއެވެ.

ނަމަވެސް އުފާގެ މައްސަލަ އެމްޑީއެން އިން ފަހުން ފުލުހުންނަށް ހުށަހެޅި ކަމަށް އޭނަ އެވީޑީއޯ ގައި ބުނެފައިވެއެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެމްޑީއެން އިން އެމައްސަލަ ފުލުހުންނަށް ހުށަހެޅީ "އެމީހުން ބުނި ގޮތަށް" އުފާ ކަންތައް ނުކުރުމުންނެވެ.

އުފާ ބުނީ އެމްޑީއެން އިން ބޭނުން ވަނީ އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް "ޖޯކު ޖަހާފަ" ވީޑިއޯ ހަދާށެވެ. އަދި އެފަދައިން ކަންތައް ނުކުރާ މީހުންގެ މައްސަލަ އެމީހުން ފުލުހަށް ހުށަހަޅާ ކަމަށް ވެސް އުފާ ބުންޏެވެ.