ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ތާޒާ ފޮޓޯއެއް ދުވަސްކޮޅަކަށް ނުލިބާނެއެވެ. ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ ވިދާޅުވާ ގޮތުން އޭނާ އަދި ހުންނަވާނީ ބަންދުގައެވެ. އިސްލާމްއާބާދު ހައިކޯޓުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އިމްރާން ޚާން އިއްޔެ އިސްލާމްއާބާދުގައި ހައްޔަރުކޮށްފައި ވަނީ ޝަރީއަތުގެ މަޖިލީހެއް ނިމުނު ފަހުންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ޓްރަސްޓް ފަންޑަކަށް ލިބުނު ފައިސާތަކެއް ކައްވާލި މައްސަލައަކާއި ބަންޑާރަ ބިންތަކެއް ވެރިކޮށް މައްސަލައެއް ގައެވެ. މިއީ އިމްރާން ޚާނާ ދެކޮޅަށް ތަހުގީގު ކުރަމުންދާ މައްސަލަތަކުން އެއް މައްސަލައެވެ. އޭނާގެ ޕާޓީއަށް ދިން ފައިސާތައް ކައްވާލި މައްސަލައެއްވެސް ބަލަމުން އެބަ ދެއެވެ. ވެރިންނަށް ބޭރު ގައުމުތަކުން ދޭ ހަދިޔާތަކުން ދައުލަތަށް ދައްކަން ޖެހޭ ބައެއް ނުދެއްކުމާއި ވިއްކާލުމުގެ މައްސަލަތަކެއްވެސް ބެލެމުން އެބަދެއެވެ.

އިމްރާން ޚާނަކީ ސިޔާސީ މައިދާނުގައި މަގްބޫލު ޝަޚުސިއްޔަތެކެވެ. ތަކުރިބާ މަދު ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި އޭނާ ހުރިހައި ދިމާއަކުން ހަނގުރާމައަށް ނިކުމެ މުއައްސަސާތަކާ ކުރިމަތި ލުމުން އޭނާއަށްވެސް ނޭނގި އޭނާގެ ސަރުކާރު ވެއްޓިގެން ދިޔައީއެވެ.

މިއީ މި ފަހުގެ ތާރީޚުގައި މިފަދަ ހާލަތެއް މެދުވެރިވެގެން ސަރުކާރު ވެއްޓުނު ފުރަތަމަ ވެރި މީހާއެއް ނޫނެވެ. ދާދި އެއްފަދަ ހާލަތެއްގައި މޯލްޑިވްސްގައި ކުރިން ވެރިކަން ކުރި މުހައްމަދު ނަޝީދުގެ ވެރިކަންވެސް ވެއްޓިގެން ދިޔައެވެ. އެއަށްފަހު މިސްރުގައ ވެރިކަން ކުރި މުޙައްމަދު މުރުސީގެ ވެރިކަންވެސް ހަމަ އެފަދަ ހާލެއް މެދުވެރިވެގެން ވެއްޓިގެން ދިޔައެވެ.

މާނައަކީ ވެރިކަން ލިބުމަށް ވުރެން ވެރިކަމުގައި ހުރުމަކީ އުދަގޫ ކަމެކެވެ. ޙިކުމަތްތެރި ކަމާއި ރޭވުންތެރިކަން ބޭނުންވާ ކަމެކެވެ.

ދެން އޮތީ އިމްރާން ޚާން ހައްޔަރު ކުރި މައްސަލައެވެ.

އިމްރާން ޚާން ހައްޔަރު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޗިޓް ފޮނުވިއެވެ. ކޯޓުތަކުން ޗިޓު ފޮނުވިއެވެ. އެކަމަކު ހައްޔަރު ކުރެވޭ ގޮތެއް ނުވިއެވެ.

ލާހޯރުގެ ޒަމާން ޕާކްގައި ހުންނަ އޭނާގެ ގެ ކައިރިއަށް މީހުން އެއްކޮށް ހަވަރުގެ އައްޑަނައެއްގެ ނިވަލުގައި އޮވެގެން މީޑިއާއަށް ބަޔާން ދީހެއްދެވިއެވެ. އަދި ސިފައިންގެ ވެރިންނާއި ސަރުކާރުން އޭނާ ނައްތާލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވައެވެ. ދޮގަކަށް ނުވެދާނެއެވެ! ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ ނައްތާލާފައި ވަނީ ޖެނަރަލް ޕަރްވޭޒް މުޝައްރަފްގެ ސަރުކާރުން އެފަދަ ގޮތަކަށެވެ. ޖެނަރަލް ޒިޔާއުލް ހައްގު އަވަހާރަ ކޮށްލީ ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ހެލިކޮޕްޓަރަކަށް އެރުވި އަނބު ފޮށިގަނޑަކުންނެވެ. އެހެންވެ، އިމްރާން ޚާން އެވިސްނަވާ ގޮތަށް ވިސްނެވުން ނުހަނު ޖާއިޒެވެ.

ނަމަވެސް، ސިޔާސީ ލީޑަރު މަގްބޫލު ކަމުގައި ވިއަސް ދައުލަތާއި ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ހިފަހައްޓާ ލެވޭނީ ވަކި ވަރަކަށެވެ. އެއީ އެއްވެސް ފަރުދަނީ ހައިބަތު ކިތަންމެ ބޮޑުވިކަމުގައި ވިއަސް ދައުލަތުގެ އާރާއި ބާރާއި މުއައްސަސާތަކަށް ވުރެން މަތީގައި ހުންނެވޭނެ ބޭފުޅެއް ނޫނެވެ.

ދެފޮޅުވަތް ދޭތެރޭން ކިޔާލުން ރަގަޅު ވާހަކައެކެވެ!

އެހެންވެ، އިމްރާން ޚާން ޝަރީއަތުގެ މަޖިލީހުން ނިކުމެ ވަޑައިގަތުމުން އޭނާ ވަށާލައިގެން ކޯޓު އަމުރަށް އޭނާ ހައްޔަރުކޮށްގެން ޖަލަށް ލީއެވެ.

ސުއާލަކީ ޖަލަށް ނުލައިވެސް ވީސް ހެއްޔެވެ؟ އާނއެކެވެ! ޖަލަށް ލާން ޖެހުނީ ހައްޔަރު ކުރަން އުޅުމުން މުއައްސަސާތަކަށް ގޮން ޖަހާތީއެވެ.

ހައްޔަރު ނުކޮށްވެސް ވާން އޮތް ގޮތަކީ، އިލެކްޝަން ކޮމިޝަނަށް އޭނާގެ ނަން ވޯޓު ކަރުދާހުގައި ނޯންނަ ގޮތަށް ނުވަނަ އޭނާގެ ޕާޓީ އުވާލުމަށް ގާނޫނުން ގިނަ ފުރުސަތުތައް ދޭތީއެވެ. އެއީ އެވެރިންގެ ނިޒާމު އޮތް ގޮތެވެ!