ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ދެކޮޅަށް ބަލަމުންދާ ދައުލަތުގެ ހަދިޔާ ބަހައްޓާ އިދާރާ ޓޮޝްޚާނާގެ ސާމާނަށް ޚިޔާނާތްތެރިވި މައްސަލާގައި އޭނާ ޕާޓީގެ ވެރިޔާގެ މަގާމުން ދުރުކުރުމަށް ކޯޓަށް ވައްދާފައިވާ މައްސަލަ ބަލަން ފަށައިފިއެވެ.
ޕާކިސްތާނުގެ ތަހްރީކް އިންސާފް (ޕީޓީއައި) ގެ ޗެއާމަންގެ މަގާމުން އިމްރާން ޚާން ވަކިކުރުމަށް އެދި ހުށަހެޅި ދެ ދައުވާއެއް ބެލުމަށް ލާހޯރު ހައިކޯޓުގެ ފަނޑިޔާރު އަބީދު ހުސެއިން ޗައްތާ ވަނީ ނިންމަވާފައެވެ. ގާޒީ ވިސްނަވަމުން ގެންދަވަނީ އެ މައްސަލަ ބައްލަވާނީ ކުދަ ބެންޗަކުން ތޯ ނޫނީ ބޮޑު ބެންޗަކުން ތޯއެވެ.
މި ދެ ދައުވާއަކީ ގާނޫނީ ވަކީލަކާއި އާންމުންގެ މީހަކު ހުށަހަޅާފައިވާ ދެ ދައުވާއެވެ.
ވަކީލު ބުނެފައި ވަނީ ފަނޑިޔާރު ޗައްތާއަކީ އިމްރާން ޚާން ޕާޓީން ކުރިން ސިޔާސީ ގޮނޑިއަކަށް ވާދަ ކުރައްވާފައިވާ ބޭފުޅެއްކަމުން މައްސަލަ ނުބެއްލެވޭނެ ކަމަށެވެ. އެކަމަކު އަދި އެނުކުތާއަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
މިދައުވާގައި ގާނޫނީ ހުއްޖަތެއް ވެއެވެ.
21 އޮކްޓޯބަރު 2022ގައި ޕާކިސްތާން އިލެކްޝަން ކޮމިޝަނުން ވަނީ ޓޮޝްޚާނާ މައްސަލާގައި އިމްރާން ޚާން އިތުރުފުޅު ހެއްދެވިކަމަށް ނިންމައި އޭނާ ޕާލަމެންޓްގައި ތަމްސީލު ކުރާ ގޮނޑި އޭނާއަށް ގެއްލުވާލާފައެވެ.
އެހެންވެ، ދައުވާ ހުށަހެޅި ފަރާތުން ބުނެފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށް އޭނާގެ މައްޗަށް އިލެކްޝަން ކޮމިޝަނުން ސާބިތުކޮށް ގޮނޑި ގެއްލުވާފައިވާތީ އޭނާ ގާނޫނުއަސާސީގެ 62 ވަނަ މާއްދާއާއި 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނު ފެތޭތީ ސިޔާސީ ޕާޓީއެއްގެ އިސްމަގާމުގައި ނުހުރެވޭނެ ކަމަށެވެ.
މީގެ ކުރިންވެސް އެފަދަ އެހެން ހުކުމެއްވެސް ކޮށްފައި ވެއެވެ. ޕާކސިްތާން ސުޕްރީމް ކޯޓުން ވަނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް (ނ)ގެ ލީޑަރަކަށް ނަވާޒަށް ނުހުންނެވޭނެކަމަށް ޙުކުމް ކޮށްފައެވެ. އެ ޙުކުމުގައިވެސް ހަވާލާ ދީފައި ވަނީ މާއްދާތައް، ބާހައްޓިއާއި ތޭ ހައްޓި އަށެވެ.
މިމައްސަލާގައި ގޮތެއް ނިންމާނީ މިމަހުގެ 19ގައެވެ.