11 ވަނަ ބައި
"ގްރީން ލައިޓް!" ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ. ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ.
"ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް.." ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން އެނގުމުން އައިކާގެ ހިތަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނާޒް ފެނުނު ދުވަހު އޭނާއަށް އެގޮތަށް ހީކުރެވުނު ނަމަވެސް އޭނާ ޔޫޝައުއާ އެސުވާލެއް ނުކުރެއެވެ. އަދި އޭނާ އުޅުނީ އޭނާއަށް އެފަދަ ގޮތަކަށް ވިސްނުނުކަން ޔޫޝައުއަށް ޝައްކުވެސް ނުވާނެހެންނެވެ.
"އާދޭ އެތެރެއަށް.." ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައިކާ އެމީހުން ވަންނަން ތަން ދެއްކިއެވެ. ޔޫޝައުގެ ފަހަތުން އެތެރެއަށް ވަތް ލަމްހާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މުއްސަނދިވެފައި ބޮޑު ނޫނަސް އާދައިގެ ތަނަކަށްވުރެ ތަނަވަހެވެ.
"ކޮބާ މިހާރު މިއޮތީ ލަމްއާވެސް ބައްދަލުވެވިފައެއްނު.. ދެން ކުރިއަށް ގެންދޭ.. އަހަރެން އިންނާނަން އަޑުއަހަން.." ސަމާސާ ރާގެއްގައި ޔޫޝައު އެހެން ބުނެލުމުން ލަމްހާއާއި އައިކާއަށް އެއްފަހަރާ ހެވުނެވެ. ދެމީހުން އެކިއެކި ވާހަކައިގައި ތިބެފައި ދިހައެއް ޖެހުމުން ގެއަށް ދިޔައީ އައިކާމެން ގެއިން ކައިގެންނެވެ.
އެދުވަހަށްފަހު ލަމްހާ ދޭތެރެ ދޭތެރެއިން އައިކާ ގާތަށް އައިސް ހަދައެވެ. ދެމީހުންގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދާއިރު އެއީ މުސްތަޤުބަލުގައި އެކެއްގެ ދެއަނބިންނަށް ވެދާނެއެކޭ ހިއެއްނުވެއެވެ. އެދެމީހުންގެ މެދުގައި އިތުބާރާއި ކުލުނު އުފެދިގެން ދިޔައީ އެދެމީހުންގެ މިޒާޖުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ. ޔޫޝައުވެސް ހުންނަނީ މިކަމާ ނުހަނު އުފަލުންނެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. މާޒް ދުނިޔޭގެ ލޯމައްޗަށް އުފާވެރިކަން ދައްކައިގެން އުޅެމުން ދިޔަނަމަވެސް އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އައިކާ މާލެ ދިޔަފަހުން އޭނާއާ އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. ހާލު ބަލާލަންވެސް ގުޅަން ޖެހެނީ އޭނާއަށެވެ. ގުޅާ ގިނަ ފަހަރު ފަހަރު ފޯނު ނުނަގާތީ އައިކާއާ ދިމާވާގޮތެއް ނުވެއެވެ. މިކަމުން މާޒްއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބެއެވެ.
ދޭތެރެ ދޭތެރެއިން ލިހާމްގެ މަލާމާތުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނަސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެކޭ ބުނެގެން ލިހާމްގެ ހިތުގައި އޭނާގެ އާއިލާއަށްޓަކައިވާ ނަފުރަތުގެ އަލިފާނަށް ދަރު އަޅަން ބޭނުންނުވާތީއެވެ. އަދި އޭނާ ލިހާމްއަށް ކިތަންމެ ވަރަކަށް ރައްދު ދިނަސް ލިހާމްގެ އެ މަލާމާތާއި ފުރައްސާރައަށް ހުއްޓުމެއް ނާންނާނެކަން އެނގޭތީއެވެ. އޭނާ ހުންނަނީ ލިހާމްގެ އައިލާ މީހަކަށް ދެރައެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އެންމެ ސަބަބަކަށްޓަކައެވެ. މާޒްގެ މަރުޙޫމް ކާފަގެ ސިހުރެއްގެ ސަބަބުން ލިހާމްގެ ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވީތީއެވެ.
"ރަމްޒިއްޔާ! އަހަރެންނަށް ފެންނަނީ ދެން މިވާހަކަ ދައްކަން.. އަހަރެންނަށް މިވާހަކަ ނުބުނެވިގެން މިހާރު ހަމަނިދި ނުލިބޭތާ ދުވަސްގަނޑެއް ވެއްޖެ.. އަހަރެން ބޭނުމެއްނޫން އޮޅުވާލައިގެން އެއްވެސް މީހެއްގެ ލޯތްބެއް.. ހަޤީޤަތް އެނގިހުރެ ވާލޯބީގެ ބާރު މާ ގަދަވާނެ.." މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާ ވިސްނާލިއެވެ. މާޒް ގާތުގައި އެވާހަކަ ހަމަ ދައްކަންވީބާއެވެ. އެވާހަކަ ދެއްކުމުން މާޒް އެމީހުންނާމެދު ދެކޭގޮތް ބަދަލުވެދާނެބާއެވެ.
"ރަމްޒިއްޔާ! ކީއްވެ އެއްޗެކޭ ނުބުނީ؟"
"މި ވިސްނާލީ.. ހިތަށް މި އަރަނީ އެކަން އެނގުނީމަ އޭނަގެ ހިތް ބަދަލުވެދާނެއޭ.. ހިތްހަމަނުޖެހިވެސްދާނެ.." ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުވެސް އެކަމާ އެއްބަސްވިއެވެ.
"އާނ.. ތިހެންވެސް ވެދާނެ.. އެކަމަކު އަހަރެންގެ މައްސަލައެއް ނެތް.. އަހަރެންނަކަށް އިތުރަށް މިކަން ސިއްރުކޮށްގެންނެއް ނުހުރެވޭނެ.. މާޒް މިހާރު ހިތްހަމަނުޖެހުނަސް އޭނައަށް ވިސްނުނީމަ ފަހުން ރަނގަޅުވާނެ.." މަންސޫރު އޭނާގެ ހިތް ބުނާ ގޮތަށް ވާހަކަތައް އަތުރާލިއެވެ.
"އެންމެ ރަނގަޅު.." ރަމްޒިއްޔާ އެހެން ބުނެލިތަނާ މާޒް އައިސް ގެއަށް ވަނެވެ. މާޒް ސިޓިންގރޫމުގައި މަޑުވެސްކޮށްނުލާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
"ދަރިފުޅާ މާޒް! އާދެބަލަ.." ރަމްޒިއްޔާ ގޮވާލުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އައިސް ސޯފާގައި އިށީނެވެ. އޭރު މަންސޫރުވެސް ސޯފާގައި އިނީ އެމީހުންގެ އާއިލާގައިވާ ބޮޑު ސިއްރު ހާމަކުރަން ތައްޔާރުވެގެންނެވެ. އެކަމުގެ ސަބަބުން އޭނާއަށް ކޮންމެ ގޮތެއް ވިޔަސް އިތުރަށް އޭނާއަށް އެކަން ސިއްރުކޮށްގެން ހުރެވޭކަށް ނެތެވެ. އެކަމުން އޭނާގެ ހިތަށް ދަތިކަން ލިބޭތީއެވެ.
"މަންމާ! ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟" މަންސޫރުއާއި ރަމްޒިއްޔާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން މާޒްއަށް އަހާލެވުނެވެ. ރަމްޒިއްޔާ ބޯހޫރާލިއެވެ. މަންސޫރު އިނީ މާޒްއަށް ހަޤީޤަތް އެނގުމުން ވާނެގޮތެއް ނޭނގި ފިނިވެފައެވެ.
"ކަމެއް ގޯސްވީކީ ނޫން.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.." ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ. މަންމަމެން އޭނާ ގާތުގައި ދައްކަންޖެހޭ އެވަރުގެ ބޮޑު ވާހަކައަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ތަންކޮޅެއް ކުރިން އެއްދުވަހަކު މަންސޫރުވެސް އޭނާ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނިކަން އޭނާ ހަނދާންވިއެވެ. އަދި އެވާހަކަ ދެއްކޭނީ ރަމްޒިއްޔާވެސް އިނދެގެން ކަމަށް މަންސޫރު އެދުވަހު ބުންޏެވެ. އެހެންކަމުން މަންމަ ދައްކަން އެއުޅޭ ވާހަކައަކީ އެދުވަހު މަންސޫރުވެސް އެބުނި ވާހަކަކަން އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ.
"ކޮން ވާހަކައެއްތަ މަންމާ؟" ކެތްމަދުވެފައިވާ ރާގަކަށް މާޒްއަށް އަހާލެވުނެވެ.
"މީ މިހާތަނަށް ދަރިފުޅަށް ސިއްރުކުރެވިފައި އޮތް ހަޤީޤަތެއް.. ފަހަރެއްގަ މިވާހަކަ ދެއްކީމަ ދަރިފުޅު މަންމަމެންނާ ދޭތެރޭ ގޯސް ގޮތަކަށްވެސް ވިސްނަފާނެ.. އަދި ހިތްހަމަވެސް ނުޖެހިދާނެ.. އެކަމަކުވެސް މީ ދަރިފުޅަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކައެއްކަމަށް ޤަބޫލުކުރާތީ މިވާހަކަ ބުނަން މިއުޅެނީ.. މިވާހަކަ ބުނީމަ ދަރިފުޅު ހިތްހަމަނުޖެހުނަސް މަންމަމެންނަށް މާފްކުރާނެކަމަށް މަންމަމެން އުއްމީދުކުރަން.." ރަމްޒިއްޔާ އޭނާ ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަން މާޒްއަށް ބުނެދިނެވެ. މާޒް ބޯޖަހާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.
"ދަރިފުޅާ! މަންމައަށް މާފްކޮށްދޭތި މިހާ ދުވަހު މިކަން ސިއްރުކުރެވުނީތީ.. މީ.. މީ.. ދަރިފުޅުގެ އަސްލު ބައްޕައެއް ނޫން.. ދަރިފުޅުގެ އަސްލު ބައްޕަ މިދުނިޔޭގަ ނެތްތާ އެތައް ދުވަހެއް ވެއްޖެ.." ރަމްޒިއްޔާއަށް އެވާހަކަ ބުނަން އުނދަގޫވިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމާއެކު މުޅިތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މާޒް އިނީ ކުއްލިއަކަށް އިވުނު ޚަބަރުން ޝޮކެއް ލިބިފައެވެ. މާޒް ގަބު އަރާފައި އިންދާ ރަމްޒިއްޔާ މާޒްގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލުމުން މާޒް ސިހުނެވެ.
"ނޫން.. ތީ ދޮގެއް.. އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން.. ނޫންނަމަ މިހުރިހާ ދުވަސްވީއިރު ކޮންމެވެސް މީހެއްގެ ފަރާތުން އަހަރެންނަށް ތިކަން އެނގުނީސް.." މާޒްއަށް އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެހެންވެސް އެބުނީ އޭނާގެ މަންމަގެ ދުލުން ވިއްޔާއެވެ. މަންމަ ބުންޏަސް އެވާހަކަ އޭނާއަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މަންސޫރުއަކީ އޭނާގެ ދޮންބައްޕަ ކަމަށް އޭނާއަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މަންސޫރުގެ ފަރާތުން ބަފައެއްގެ ފުރިހަމަ ލޯބި އޭނާއަށް ލިބުނެވެ. މިހާތަނަށް މީހުން ދައްކާ ވާހަކައިންނާ ފެންނަ މަންޒަރުތަކުން އޭނާއަށް އަބަދުވެސް ފެންނަނީ ދޮންމަންމައިންނާއި ދޮންބައްޕައިންގެ ނުބައި ނުލަފާކަމެވެ. ވީއިރު މަންސޫރުގެ ކިބައިން އެފަދަ ކަމެއް ނުފެނުމުން އެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ؟
"ނޫން ދަރިފުޅާ.. މީ ދޮގެއް ނޫން.. އޮޅުވާލުމެއްވެސް ނޫން.. މީ ތެދެއް، ހަޤީޤަތެއް.." މަންސޫރު ޔަޤީންކަން ދިނެވެ.
"ދެން ކީއްވެ މިހުރިހާ ދުވަހު ތިކަން އަހަރެންނަށް ސިއްރުކުރީ؟ ކީއްވެ އެއްވެސް މީހެއްގެ ފަރާތުން އަހަރެންގެ ހަޤީޤީ ބައްޕައަކީ ތީ ނޫންކަން އެނގޭނެ ކަހަލަ އެއްވެސް އިޝާރާތެއް ނުލިބުނީ؟" މާޒްގެ ހިތުގައި އުފެދިފައިވާ ޝަކުވާ ބޭރުކޮށްލިއެވެ.
"މަންމަމެން ދަރިފުޅު ގާތު އެވާހަކަ ނުބުނީ ދަރިފުޅު އޭރު ކުޑަވީމަ.. ކަންކަމާ ރަނގަޅަށް ނުވިސްނޭނެތީ.. ދަރިފުޅަށް ކަންކަން ވިސްނޭވަރަށް ބޮޑުވީމަ މިވާހަކަ ބުނަން މަންމަ ބޭނުންވީ.. އެއީވެސް ދަރިފުޅަށް ރަނގަޅަކަށް.. އެހެންނޫނީ ދަރިފުޅުގެ ކިޔެވުންވެސް ހަލާކުވީސް.. އެހެންވާން މަންމަ ބޭނުންނުވީ.. އަދި އެހެން ސަބަބެއްވެސް އެބައޮތް.. މަންމަ އެވާހަކަ ބުނީމަ ދަރިފުޅުގެ ހިތުގަ އެތައް ސުވާލެއް އުފެދޭނެކަން މަންމައަށް އެނގޭ.. ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން ދަރިފުޅު މީހުންނާ ސުވާލުކުރާނެކަން މަންމައަށް އެނގޭ.. އެދުވަހަކުން އެމީހުންގެ ވާހަކަތަކުން ދަރިފުޅުގެ ހިތް ބައްޕައާމެދު ކިލަނބުވާނެ.. އެހެން އެކަން ވާންވެސް މަންމަ ބޭނުންނުވީ.." ރަމްޒިއްޔާ އޮޅުންފިލުވައިދިނެވެ. ރަމްޒިއްޔާގެ ވާހަކަ ނިންމާލީ މާޒް ސުވާލެއްގެ ތެރެއަށް ގަންބާލަމުންނެވެ. މީހުން ބައްޕައާމެދު ދައްކާ ވާހަކަތަކުން އޭނާގެ ހިތް ބައްޕައާމެދު ކިލަނބުވާނެކަމަށް މަންމަ އެބުނީ ކީއްވެ ހެއްޔެވެ؟
"އެކީއްވެ މީހުން ދައްކާ ވާހަކައަކުން ބައްޕައާމެދު އަހަރެންގެ ހިތް ގޯސްވާންވީ؟ ބައްޕައަކީ އެހާ ނުބައި މީހަކީތަ؟" މާޒް އޮޅުންފިލުވަން ބޭނުންވިއެވެ.
"ދެން އެވާހަކަ ނުދައްކާ.. މިހާރު އެވާހަކަ ދައްކައިގެން ދަރިފުޅުގެ ހިތް ބައްޕައަށްޓަކައި ކިލަނބުކުރާކަށް މަންމަ ބޭނުމެއްނޫން.. ދަރިފުޅު ގާތު މަންމަ ބުނަން ބޭނުންވާ ވާހަކައަކީ މިހުރިހާ ކަމެއްވެސް ކުރީ ހަމަ ދަރިފުޅުގެ މުސްތަޤުބަލަށް ވިސްނާފައޭ.. ދެން ދަރިފުޅަށް އެނގޭނީ ހަދާނެގޮތެއް.. މަންމަމެން މިކުރީ ކުށެއްކަމަށް ދަރިފުޅު ޤަބޫލުކުރާނަމަ މަންމަމެންނަށް މާފްކޮށްދޭނެކަމަށް އުއްމީދުކުރަން.." ރަމްޒިއްޔާ އެހެން ބުނެލުމަށްފަހު އެތާ މަޑުކޮށްލުމެއްވެސްނެތި ކޮޓަރިއަށް ދާން ހިނގައިގަތެވެ. މާޒް ދެފަހަރަކު ގޮވާލުމުންވެސް ރަމްޒިއްޔާ މަޑެއް ނުކުރިއެވެ. ދެން މާޒް ބަލާލީ މަންސޫރުއަށެވެ. އޭނާ މަންސޫރުގެ ފަރާތުން އެސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާފަދައެވެ. ނަމަވެސް މަންސޫރުވެސް އެސުވާލުގެ ޖަވާބު ދޭކަށް ނޫޅުނެވެ.
"ބައްޕައަށް މާފްކުރޭ.. ތިކުރާ ސުވާލުގެ ޖަވާބު ދެވޭކަށް ބައްޕައަކަށް ނެތް.." އެހެން ބުނެލުމަށްފަހު މަންސޫރުވެސް ގޮސް ކޮޓަރިއަށް ވަނެވެ. މަންސޫރުއާއި ރަމްޒިއްޔާ ކޮޓަރިއަށް ވަނުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަނެއްކާވެސް ނުކުތީ ބޭރަށެވެ. ވަކި މިސްރާބެއްނެތި ހިނގަމުންދިޔަ މާޒްގެ ސިކުނޑި ވަނީ ހާސްވެފައެވެ. އޭނާގެ ބަދުނަސީބުކަމާމެދު ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ފުރަތަމަ އޭނާގެ ލޯބި އޭނާގެ އަތުން ބީވެ ދިޔައީއެވެ. އެކަމާ އޭނާ އައީ އެތައް ހިތްވަރަކުން ކެތްކުރަމުންނެވެ. ދެން ހާމަވީ އެއަށްވުރެ ބޮޑު ހަޤީޤަތެކެވެ. މަންސޫރުގެ ފަރާތުން އޭނާއަށް ބައްޕައެއްގެ ލޯބި ލިބުނުނަމަވެސް މިހުރިހާ ދުވަސްވަންދެން އޭނާގެ ބައްޕަ ކަމުގައި ހީކުރި މީހަކީ އޭނާގެ ބައްޕަ ނޫނެވެ. މިހާރު އޭނާގެ ހިތްވަނީ ނާއުއްމީދުވެފައެވެ. މިހާރު އޭނާގެ ހިތުގައި ހުރިހާ މީހުންނާމެދުވެސް ވަނީ ޝައްކު އުފެދިފައެވެ. މިރޭ މި އެނގުނު ހަޤީޤަތުގެ ސަބަބުން ރަމްޒިއްޔާއަކީ އޭނާގެ މަންމަ ކަމާމެދުވެސް އޭނާއަށް ޝައްކުވެއްޖެއެވެ. ޝައްކުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގިހުރެވެސް އޭނާގެ ހިތާއި ސިކުނޑިން އެޚިޔާލު ފޮހެލެވޭގޮތެއް ނުވިއެވެ.
އަތިރިމައްޗަށް ނުކުމެވުމުން ހަށިގަނޑުގައި ބީހެން ފެށި ފިނިފިނި ވައިރޯޅިތަކުންވެސް މިރޭ މާޒްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއިން ލިބެންވާ ތަސައްލީ އިހުސާސްކުރެވޭވަރަށްވުރެ އޭނާގެ ހިތުގެ ހައިޖާންގަނޑު ބޮޑެވެ. މަންމަ އޭނާގެ އެންމެ ސުވާލަކަށް ޖަވާބުނުދޭން އުޅޭ ސަބަބަކާއިމެދު އޭނާއަށް ވިސްނެނީއެވެ. އެސުވާލުގެ ޖަވާބު އޭނާ ކޮންމެހެންވެސް ބޭނުމެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރަން މެދުވެރިވި ސަބަބެވެ. އޭނާގެ މަންމަ އެވާހަކަ ނުދައްކަން އުޅުމުން އޭނާއަށް ދޭހަވަނީ އެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާކަމެވެ. އޭނާ އެކަން ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މަންމަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އޭނާއަށް ޔަޤީންވެއެވެ. މަންސޫރުގެ ފަރާތުން ޖަވާބެއް ހޯދަން އުޅުމުގެ ބޭނުމެއްނެތެވެ. މަންސޫރު އެވަނީ އެސުވާލުގެ ޖަވާބު ނުދޭނެކަމަށް ފާޅުގައި ބުނެފައެވެ. ވީއިރު އޭނާ އެސުވާލުގެ ޖަވާބު ހޯދާނީ ކާކުގެ ގާތުން ހެއްޔެވެ؟ އެވަގުތު އޭނާގެ ހަނދާނަށް އައީ ސަނާއެވެ. ސަނާ ގާތު އެހުމުން އޭނާއަށް އެސުވާލުގެ ޖަވާބު ލިބިދާނެއެވެ. ސަނާ އޭނާ އެދޭ ކަމަކަށް ނޫނެކޭ ނުބުނާނެކަން އޭނާއަށް ޔަޤީންވެއެވެ. އެހެން ހިތަށްއެރުމާއެކު ދެލޯ ފޮހެލަމުން މާޒް ތެދުވެ ސަނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.
މާޒް ދިޔައިރު ސަނާ އިނީ އުނދޯލީގައި ފޯއް ކޮށާށެވެ. ކައިރީގައި ނާޒިމްވެސް އިނެވެ. ނަމަވެސް މާޒް ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އޭނާ ވަދެގެން އައިސް ވަކި ހިސާބަކަށް އެރިތަނާ ސަނާއަށް އޭނާ ފެނުނެވެ. މާޒް ހުރިގޮތް ފެނުމުންވެސް ސަނާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. އޭނާ މާޒްގެ ގާތަށް ގޮސް ފަރުވާތެރިކަމާއެކު މާޒްގެ މޫނަށް ބަލާލިއެވެ. އެދެލޯ ކަރުނުން ފުރެމުން ދިޔަތަން އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.
"މާޒް! ކިހިނެއްވީ؟" ސަނާއަށް އެހެން އަހާލެވުމާއެކު މާޒް އޭނާގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށިއެވެ. އެއަޑުގައިވީ އަސަރަކުން ސަނާގެ ހިތަށްވެސް އަސަރުކުރިއެވެ. ވީގޮތެއްވެސް ނުބުނެ މާޒް ކުއްލިއަކަށް އެގޮތަށް ރޯން ފެށުމުން ސަނާ ނުހަނު ކަންބޮޑުވިއެވެ. މާޒްއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްކަން ސަނާއަށް އެނގެއެވެ. ވީއިރު އެގޮތަށް މާޒް ރޯނީ ވަރަށް ބޮޑު ކަމެއް ވުމުންކަން ސަނާއަށް އެނގެއެވެ. އަނެއްކާ ރަމްޒިއްޔާއަށް ކަމެއްވީބާއޭ ސަނާގެ ހިތަށްއެރިއެވެ.
"މާޒް! ކިހިނެއްވީތަ؟ ހުއްޓާލާފަ ބުނެބަލަ ވީގޮތެއް.. މަންމައަށް ކަމެއްވީތަ؟ ނޫނީ ބައްޕައަށް ކަމެއްވީތަ؟" ސަނާ އެހެން ބުނެލިތަނާ ކުއްލިއަކަށް މާޒް ސަނާގެ ގައިން ދޫކޮށްލިއެވެ. ސަނާ ހުރީ މާޒް ކުއްލިއަކަށް މި އުޅެންފެށި ގޮތަކުން ހައިރާންވެ ވާނުވާ ނޭނގިފައެވެ. އަނެއްކާ މާޒްގެ ޠަބީއަތު ރަނގަޅުބާއޭވެސް އޭނާގެ ހިތަށްއެރިއެވެ.
"އެއީ އަހަރެންގެ ބައްޕައެއް ނޫން.. ދޮންބައްޕަ.. އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް.." ކުއްލިއަކަށް މާޒް އެހެން ބުނެލުމުން ސަނާއަށް ނާޒިމްއާ ދިމާއަށް ބަލާލެވުނެވެ. މާޒްއަށް މި އައިސްގެން އުޅޭ ބަދަލުގެ އަސްލު އެދެމީހުންނަށް ދެނެގަނެވިއްޖެއެވެ. މާޒްއަށް މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްފައި އޮތް ކަންތައް އެނގުނީއެވެ. އެކަމަކު މާޒް ގާތުގައި އެވާހަކަ ދެއްކީ ކާކު ހެއްޔޭ ސަނާގެ ހިތަށްއެރިއެވެ.
"މާޒް ރަނގަޅުތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކާކު ދެއްކި ވާހަކައެއް ތީ؟" މާޒްގެ އަތުގައި ހިފަހައްޓާލަމުން ނާޒިމް އަހާލިއެވެ.
"އަހަރެންނަކަށް އެއްވެސް ގޮތެއްނުވޭ.. އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. ދުރު މީހެއްނޫން އަހަރެން ގާތު މިވާހަކަ ބުނީ.. މަންމައާ ދޮންބައްޕަ ތިބެގެން މިވާހަކަ ބުނީ.." މާޒް އެހެން ބުނެލުމުން ސަނާއަށް ހައިރާންވެފައި ނާޒިމްއަށް ބަލާލެވުނެވެ. ރަމްޒިއްޔާ މާޒް ގާތުގައި އެވާހަކަ ބުނެފާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސް ނެތެވެ.
"އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެއަށް މިކަމުގެ ހަޤީޤަތް އެނގޭނެކަން.. އެހެންވެ މިއައީ.."
"ކީއްކުރަން؟ މިހާރު ތިކަން ތިއޮތީ އެނގިފައެއްނު.." ނާޒިމްވެސް އެވާހަކަ މާބޮޑަށް ދައްކާކަށް ބޭނުމެއްނުވިއެވެ.
"އަދި ނޭނގޭ ކަންތައްތަކެއް އެބަހުރި.. އެހެންވެ މިއައީ.. މަންމަ ގާތު އެހީމަ އެސުވާލުތަކުގެ ޖަވާބެއް ނުލިބުނު.. އަހަރެންނަށް ސަނާއްތައާ ނާޒިމްބެއާ ދޭތެރޭ އޮތް ޔަޤީންކަމެއްގެ ބޮޑުކަމުން މިއައީ.." މާޒް އޭނާ އައި ބޭނުން އޮޅުންފިލުވައިދިނެވެ.
"ކޮން އެއްޗެއް އެނގެން ބޭނުންވަނީ؟" ސަނާ އަހާލިއެވެ.
"އަހަރެން އެނގެން ބޭނުންވަނީ ބައްޕަ މަރުވާން ދިމާވި ގޮތް.."
"ކޮންމެ މީހެއްގެވެސް އަޖަލު ހަމަވުމުން މިދުނިޔެ ދޫކޮށް ދާންޖެހޭނެ.. މާޒްގެ ބައްޕައަށްވެސްވީ އެހެން.." ސަނާ އެއްޗެކޭ ބުނަން އުޅެނިކޮށް ނާޒިމް ބުންޏެވެ.
"އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން އޮޅުންފިލުވާކަށްވެސް ނޫޅޭނަން.. އަހަރެންގެ ފަރާތުން ސަނާއްތަމެންނަށް އެއްވެސް އުނދަގުލެއްވެފަ ވާނަމަ މާފަށް އެދެން.. ދެން ދަނީ.. ހިތްހެޔޮކުރާތި!" މާޒް އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސްނެތި ބާރުބާރަށް ގޮސް ގެއިން ނުކުތެވެ. ސަނާ ދެފަހަރަކު ގޮވާލުމުންވެސް މާޒްއަށް އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.