އިންޑިއާގެ ޖީ20ގެ ރިއާސަތުގައި އިންޑިއާއިން ވައުދުވީ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ އަޑުތައް އިއްވާނެ ކަމަށެވެ. އެ ވައުދު އިންޑިއާއިން ވަނީ ފުއްދަމުން ގޮސްފައެވެ.
އިންޑިއާގެ ދާއިމީ މަންދޫބު ރުޗީރާ ކަމްބޮޖު އދގައި އިކޮސޮކްގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާއިން ވަނީ އެފްރިކާގެ ގައުމުތަކުގެ އަޑުތައް މީގެ ކުރިން ޖީ20ގައި ދުވަހަކުވެސް އިއްވފައި ނުވާ މިންވަރަށް އިއްވާފައެވެ.
އެފްރިކާގެ ގައުމުތަކަށް ގާއިލުކަން އިތުރު ކުރުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ދާއިރާ އިން އިންޑިއާއިން ދަނީ އެހީވަމުންނެވެ. އިންޑިއާއިން އިސްކަންދޭ ކަންކަމުގެ ތެރޭގައި، އިންކްލޫސިވް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި މޫސުމަށް އަންނަ ބަދަލުތަކާއި، މަލްޓިލޭޓަރަލް ނިޒާމުގެ އިސްލާހުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އައު އަދި އަންނަން ހުރި ހިރަސްތަކާއި ނުރައްކާތަކާއި، ދުނިޔޭގެ ހުނަރު ތައް މެޕް ކުރުމާއި، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުން ފަދަ އެކިއެކި މައްސަލަތައް ހިމެނެއެވެ.
އިންޑިއާގެ ރިއާސަތުގައި ޖީ20 އިން ސިއްހީ އަދި ތައުލީމީ ދާއިރާއިން ކުރިއަށް ގެންދާ ތަރައްގީތަކަކީ ވެސް އެފްރިކާގެ ގައުމުތަކަށް މުހިންމު ކުރިއެރުންތަކެއް ކަމުގައ ކަމްބޮޖު ފާހަގަ ކުރެއްވިއެވެ.
މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުގެ އިސްލާހުތަކަށް އިސްކަންދިނުމަކީ އިންޑިއާ އާއި ގްލޯބަލް ސައުތަށް ވަރަށް މުހިންމު އަނެއް މައްސަލަ ކަމަށް އޭނާ ވިދާޅުވެއެވެ.
އިތުރަށް ސަފީރު ރުޗިރާ ކަމްބޯޖް ވިދާޅުވީ "ޑިޖިޓަލް ޓެކްނޮލޮޖީއާއި، ހެޔޮ ވެރިކަން ކުރިއެރުވުމާއި، ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އިޖުތިމާއީ ތަރައްގީއަށް މުހިންމު ވަސީލަތަކަށް ވާނެ" ކަމަށެވެ.
ޖީ20 އިން އަންނަނީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި ޑިޖިޓަލް ހުނަރުތަކަށް އިސްކަންދޭ މުހިންމު ދާއިރާތަކެއް ފާހަގަ ކޮށް އެރޮނގުން މަސައްކަތް ކުރަމުންނެވެ.
އެފްރިކާއަކީ ގާތްގަނޑަކަށް 1.37 ބިލިއަން މީހުން ތަމްސީލުކުރާ ބައްރެކެވެ.
އެފްރިކާ މީހުން ބާކީ ކުރުމަކީ ދުނިޔޭގެ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް ގެއްލުން ހުރި ކަމެއް ކަމުގައި އިންޑިއާގެ މަންދޫބު ވިދާޅުވިއެވެ.