މުސްލިމުންނާ މެދު ހަތުރުވެރިކަން އާލާކުރުމަށް އުފައްދާފައިވާ ފިލްމު ކެރެލާ ސްޓޯރީ ދެއްކުން ވެސްޓް ބެންގޯލުން ވަނީ މަނާ ކޮށްފައެވެ. އަދި ޓެމިނާޑޫގެ ސިނަމާ ހިންގާ ފަރާތްތަކުން ވަނީ މަނާކޮށްފައެވެ. އެއާ ޚިލާފަށް އުތުރުގައި ބައެއް ސްޓޭޓްތަކުން ވަނީ އެފިލްމު ދައްކާނަމަ އެފަރާތްތަކަށް ޓެކްސް މައާފްކޮށްދޭނެ ކަމަށްވެސް ވައުދުވެފައެވެ.
ކެރެލާ ސްޓޯރީއަކީ އިންޑިއާގައި އެންމެ ގިނައިން ލިޔަންކިޔަން ދަންނަ ސްޓޭޓް ކެރެލާއަށް ނިސްބަތް ކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ސްޓޭޓަކީ އިންޑިއާގައި ވެރިކަން ކުރާ ހަރުކަށި ބީޖޭޕީއަށް އަދިވެސް ސިޔާސީ ގޮތުން ކާމިޔާބީއެއް ހޯދިފައި ނުވާ ދެކުނުގެ ދ ސްޓޭޓުން އެއް ސްޓޭޓެވެ.
ކެލެރާ ސްޓޯރީގައި ދައްކަނީ ގަދަކަމުން އަންހެން ކުދިން އިސްލާމް ދީނަށް ވައްދާ މަންޒަރެވެ. އެކުދިން ޑްރަގަށް ދެވި ހިފުމަށާއި ހަށިވިއްކުމަށް މުސްލިމު އަންހެނަކު ހިތްވަރު ދޭ މަންޒަރެވެ.
ކެރެލާ ސްޓޯރީ ޕްރޮމޯޓު ކުރުމުގައި މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ މަރުކަޒީ ސަރުކާރުގައި އޮތް ބީޖޭޕީންނެވެ.
އިންޑިއާ ސަރުކާރުގެ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް އެންޑް މައިނޯރިޓީ އެފެއާޒް މިނިސްޓަރު ސްމްރީތީ އިރާނީ މެއި މަހުގެ ނުވަ ވަނަ ދުވަހު ބުނެފައި ވަނީ ކެރެލާ ސްޓޯރީ ފިލްމާ ދެކޮޅު މަސައްކަތް ކުރާ ކޮންމެ ސިޔާސީ ފަރާތަކީ ޓެރަރިސްޓް ޖަމާއަތަށް ތާއީދުކުރާ ފަރާތެއް ކަމަށެވެ.
ކެރެލާ ސްޓޯރީގައި ދައްކަނީ ބުދަށް އަޅުކަން ކުރާ ހިންދީ އަންހެން ކުދިން އިސްލާމް ދީނަށް ވެއްދުމަށްފަހު ސިކުނޑި ދޮވެ، އެމީހުން އައިސިސްއާއެކު ހަނގުރާމައަށް ފޮނުވާ ވާހަކައެވެ. އެ ފިލްމުގައި ގެނަސްދީފައިވާ ތަފާސްހިސާބަކީ އޮޅުވާލައިގެން އަދަދުތައް އިތުރު ކޮށްފައިވާ ތަފާސް ހިސާބެކެވެ.
ފިލްމު އުފައްދާފައިވާ ޕްރޮޑިއުސަރަކީ، މުސްލިމުންގެ ބަޔަކު ދިރިތިއްބައި އަންދާލައިގެން ގަތުލުއާންމެއް ހިންގި ގުޖުރާތުގެ މީހެކެވެ. އެއިރު ގުޖުރާތުގައި ވެރިއަކަށް ހުރީ މޮދީއެވެ. އެ ޕްރޮޑިއުސަރު އުފެއްދި ގިނަ ފިލްމުތަކުގައި އެކްޓަރަކަށް އުޅެނީ އަކްޝޭ ކުރާރެވެ. އެއީ އިންޑިއާގެ މިދިޔަ އާންމު އިންތިޚާބުގައި މޮދީ ޕްރޮމޯޓު ކުރުމަށް އޭނާއާ އިންޓަވިއުއެއް ހަދައި، މީރުކޮށް މޮދީ އަނބު ކާގޮތާ ބެހޭ ގޮތުން ސުއާލު ކުރި އެކްޓަރެވެ!
ކެރެލާ ސްޓޯރީގެ ތާއީދުގައި ވާހަކަ ދައްކަމުން، އީރާނީ ބުނެފައި ވަނީ، "މި ފިލްމާ ދެކޮޅަށް ތެދުވާ ކޮންމެ ސިޔާސީ ޕާޓީއެއް، އެއީ، ޓެރަރިސްޓުންގެ ޖަމިއްޔާއާ އެކު ތެދުވާ ޕާޓީއެއް. ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުންނަށް ހެޔޮ ނޭދޭ ސިޔާސީ ޖަމާއަތްތައް އެތިބީ މިފަދަ ޓެރަރިޒަމްގެ އުސޫލުތަކަށް ތާއީދުކޮށްގެން" ކަމަށެވެ.