ރާއްޖެއާ ދުރުން އިރު ދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއް އިތުރަށް ބާރުގަދަވެ މިއަދު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް މެޓުން ވިދާޅުވެއްޖެއެވެ.

''މޮކާ''ގެނަން ދީފައިވާ އެ ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކުރަށްވާފައެވެ. އަދި އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އަދި އާންމުކޮށް ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިންވަނީ އިލްތިމާސްކުރަށްވާފައެވެ.