އިންޑިއާގެ ކެރެލާ ސްޓޭޓްގެ މުސްލިމް ގްރޫޕަކުން ވަނީ ކެރެލާ ސްޓޯރީގައި މުސްލިމުންނަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭ ފަރާތަކަށް 10 މިލިއަން ރުޕީސްގެ އިނާމެއް ދޭން ނިންމާފައެވެ.

ކެރެލާ ސްޓޯރީގައި އެ ސްޓޭޓުން އެތައް ހާސް ހިންދޫންނަކާއި އަދި ކްރިސްޓިއަން އަންހެނުން ޓެރަރިސްޓް އައިސިސް ޖަމާއަތަށް އަށް ވަދެފައިވާ ކަމަށް ބުނެ ވާހަކަ ފަތުރައެވެ. އެ ހަގީގަތެއް ނެތް ވާހަކަތަކުގެ ހެކި ފޯރުކޮށްދިނުމުން 10 މިލިއަން އިންޑިއާ ރުޕީސް (122،280 ޑޮލަރު) ގެ ފައިސާގެ އިނާމެއް ވަނީ އިއުލާންކޮށްފައެވެ.

އިދިކޮޅު އިންޑިއަން ޔޫނިއަން މުސްލިމް ލީގު ޕާޓީއާ ގުޅިފައިވާ މުސްލިމް ޔޫތު ލީގުގެ މެމްބަރުން ކެރެލާގެ ހުރިހާ 14 ޑިސްޓްރިކްޓެއްގައި ވެސް ވަނީ "ހެކި އެއްކުރުމުގެ މޭޒުތައް" ބަހައްޓާފައެވެ.

ވިޕުލް އަމްރުތުލާލް ޝާހު ޕްރޮޑިއުސްކޮށް ސުދީޕްޓޯ ސެން ޑައިރެކްޓްކޮށްފައިވާ ދަ ކެރެލާ ސްޓޯރީގައި ކެރެލާގައި "ޓެރަރިޒަމުގައި ބައިވެރިވެ، ދީން ބަދަލުކޮށް، ޓްރެފިކް ކޮށްފައިވާ މައުސޫމް އަންހެން ކުދިންގެ ދިރިއުޅުން" ދައްކުވައިދޭ ކަމަށް ބުނެ އެވެ.

މި ފިލްމު އުފެއްދި މީހުން ބުނަނީ މިއީ ކުރިން ކިޔައި ދީފައި ނުވާވާހަކައެއް ކަމަށެވެ. އަދި މިއީ އިންޑިއާއާ ދެކޮޅަށް ރާވާފައިވާ ނުރައްކާތެރި ރޭވުމެއް ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މުސްލިމުންނާ އަދާވާތްތެރިކަން ޖަމާއަތުގައި އަށަގެންނެވުމަށް އުފައްދާފައިވާ 138 މިނެޓުގެ މި ފިލްމަކީ "ކެރެލާގެ އެކި ސަރަހައްދުތަކުގެ ތިން ޒުވާން އަންހެން ކުދިންގެ ހަގީގީ ވާހަކަތަކުގެ މައްޗަށް އެކުލަވާލާފައިވާ ފިލްމެކެވެ."

އެ ފިލްމުގާ ބުނަނީ 32،000 އަންހެން ކުދިން އައިސިސްއާ ގުޅެން މަޖުބޫރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެކަމަކުވެސް އިންޑިއާގެ ބޮޑު ވަޒީރު ވަނީ ފިލްމު ރިލީޒް ކުރި ފަހުން އޭނާގެ ތަގްރީރެއްގައ އެވާހަކަ އެގޮތަށް ބުނެފައެވެ.

މީގެ ކުރިން ބީޖޭޕީއަށް ތާއީދު ހޯދުމަށް ކަޝްމީރު ފައިލްސްގެ ނަމުގައި ބީޖޭޕީއަށް ހެޔޮ އެދޭ ބަޔަކު ފިލްމެއް އުފެއްދިއެވެ.

މައސަލައަކީ މިއަދާ ހަމައަށް ބީޖޭޕީން ބޭނުންވިއަސް ކެރެލަގައި ފައި ހަރުލެވޭ ގޮތެއް ނުވުމެވެ. އަދި އަޔޯދިޔާގެ ބާބްރީ މިސްކިތް ތަޅާލުން ފަދަ މަޝްހޫރު ކަމެއް ލިބި ގަތުމަށް ބީޖޭޕީއަށް ކެރެލާއިން ފުރުސަތެއް ލިބިފައެއް ނުވެއެވެ.

ކޮންގްރެސް ޕާޓީން ކެރެލާގެ އިދިކޮޅު ލީޑަރު ވީޑީ ސަދީޝަން އަލްޖަޒީރާއަށް ކިޔައި ދެމުން ބުނީ އެ ފިލްމަކީ ކެރެލާ އަންހެނުންނަށް އިހާނެތިކޮށް ހިތުމެއް ކަމަށެވެ.

"ޤާނޫނުގެ ވެރިކަމާއި ޑިމޮކްރަސީއާއި ސެކިއުލަރިޒަމް ގަބޫލުކުރާ މީހުން މި ފިލްމުގެ ތީމަކަށް އެއްބަހެއް ނުވާނެ." އޭނާ ބުންޏެވެ.

"ކެރެލާގައި ތަފާތު ދީންތަކުގެ މީހުންގެ މެދުގައި ކައިވެނިތައް ކުރުމަކީ ވަރަށް އާންމު ކަމެއް. ކެރެލާ މީހުންނަކީ މިފަދަ ޚިޔާލުތަކަށް ތަޙައްމަލުކުރާ ބައެއް. އަހަރެމެން މިއީ ޕްރޮގްރެސިވް ސްޓޭޓެއް" ސަދީޝަން ބުންޏެވެ.

މި ފިލްމުގެ ސަބަބުން "ސުލްހައަށް ލޯބިކުރާ ދައުލަތެއްގައި" ހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ކެރެލާގެ އާބާދީއަކީ 54 ޕަސެންޓް ހިންދޫންނެވެ. އަދި 27 ޕަސެންޓް މުސްލިމުން އަދި 18 ޕަސެންޓް އަކީ ކްރިސްޓިއަނުން ނެވެ.

ކެރެލާއަކީ އިންޑިއާގެ އެންމެ ތަފާތު އެއް ސްޓޭޓެވެ. ފިލްމަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދީންގެ "ސަންގު ޕަރިވާރު" އެޖެންޑާ ކުރިއަށް ނެރެ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް އުފައްދާފައިވާ ފިލްމެކެވެ.