ދ. މީދޫ 'ޖިހާދު' ދޯނީގެ ތެރޭގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީންއަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައިގެ ޝަރީއަތް ދެ އަހަރު ވަންދެން މަޑުޖެހިފައި އޮތުމަށް ފަހު މިއަދު ކްރިމިނަލް ކޯޓުގައި އަލުން ފަށައިފިއެވެ. އަލުން ޝަރީއަތް ފެށިއިރު މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުވެފަ އެވެ.

ޖިހާދު ދޯނީގައި މަސައްކަތްކުރާ ޝާހީން މަރާލީ 7 މާޗު 2021 ވަނަ ދުވަހުގެ ދަންވަރު 3:45 ހާއިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން މަސް ބޭނުމަށް ކ. ގުރައިދޫ ބޮއެ ކައިރިއަށް ދިއުމަށް ދޯނި ދުއްވަމުން ދަނިކޮށް، ޝާހީންއަށް ހަމަލާދީފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު މަސްއޫދުގެ އަތުގައި އޮތް ތިލައިގައި 6 އިންޗި ހުރި ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުންނެވެ. ޝާހީން މަރުވީ އޭނާގެ ކަނާތް ފަރާތު އަރިކަށްޓަށް ދިން މި ހަމަލާގެ ސަބަބުންނެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރި މަސްއޫދަކީ ވެސް އެ ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެެކެވެ.

މަސްއޫދުގެ މައްޗަށް ދައުވާ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު'ގެ ދަށުން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. މިވަގުތު މަސްއޫދު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 20 މެއި 2021ގަ އެވެ.

އިބްތިދާއީ އެ އަޑުއެހުމުގައި ވަނީ ދައުވާތައް އިއްވައި އަންނާނެ އަދަބު ސާފުކޮށްދީފައެވެ. އަދި ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ.

އޭގެ ފަހުން ދެ އަހަރުވާން ގާތްގަނޑަކަށް ހަފުތާއެއްހައި ދުވަސް ވެގެން ދިޔައިރުވެސް މިމައްސަލައިގެ އެއްވެސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެންމެ ފަހުން މިއަދު ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުމެއް މި ވަނީ ބާއްވާފައެވެ. މައްސަލައިގެ އަޑުއެހުން ފައްޓަވަމުން، މިއަދުގެ އަޑުއެހުމުގެ ރިޔާސަތުގައި އިންނެވި ގާޒީ އިބްރާހީމް އިހުސާން ވަނީ، ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ދީބަނާޒް ފަހުމީ ހައި ކޯޓަށް އައްޔަންކޮށްފައިވާތީ މި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައި ވާކަން އިއުލާން ކުރައްވާފައެވެ.

މައްސަލަ ކޯޓުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ މަސައްކަތް ކުރާނީ އަވަހަށް މައްސަލަ ނިންމުމަށް ނަމަވެސް، ކޯޓުގެ އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދަތިތަކެއް އެބަހުރި ކަމަށް ގާޒީ އިހުސާން ވިދާޅުވިއެވެ.

ކަންތައް އެގޮތަށް އޮތުމުން އަޑުއެހުންތައް ތާވަލު ކުރެވޭނެ ސީދާ ތާރީހެއް ދުރާލާ އަންގާކަށް ނޭނގޭނެކަމަށްވެސް ވިދާޅުވިއެެވެ. އެހެންނަމަވެސް މައްސަލަ މިހާރު އޮތް ހިސާބުން ފަށައިގެން ކުރިއަށް ގެންދަން ގަސްތު ކުރައްވާ ކަމަށްވެސް ގާޒީ އިހްސާން ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާ ބެހޭ ގޮތުން ވާހަަކަދައްކާފައި އޮތުމުން، މި މަހުގެ ފަހު ހަފްތާގައި އަޑުއެހުމެއް ބާއްވައި އެ ދުވަހުގެ އަޑުއެހުމުގައި އެކަމަށް ގޮތެއް ނިންމެވުމަށް ފަނޑިޔާރު ނިންމެވިއެވެ.

ދެން މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައެވެ. މަސްއޫދުގެ ވަކީލު އަހުމަދު ޝިފާއު އެދިވަޑައިގަތީ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށެވެ. އެހެންކަމުން ފަނޑިޔާރު ނިންމެވީ ޖަވާބުދާރީވުމުގެ ބައި ވެސް، ދެން އޮންނަ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށެވެ.