ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) މާފަންނު މަޚްމާވިލާ އިބްރާހިމް އިސްމާއީލް އަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިދެބޭފުޅުންނަށް ދައުލަތުގެ ޢިއްޒަތް އެރުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެއީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ އިއްޒަތެކެވެ. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަކީ އައްސުލްތާން މުހައްމަދު ޢިޔާޡުއްދީން އަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ.

އިބްރާހިމް އިސްމާއީލް އަލީ އަކީ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލްކުރައްވައިފައިވާ ކުޅިވަރު ކުރިއެރުވުމަށް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ތިމަރަފުއްޓަށް އުފަން އިބްރާހިމް އިސްމާއީލް އަލީ އަކީ މޮޅު ފުޓްބޯޅަކުޅުންތެރިއެކެވެ. ފީފާގެ ރެފްރީއަކަށް ވެވަޑައިގެންނެވި އިބްރާހިމް އިސްމާއީލް އަލީ އަކީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަން އެވެ.

ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާއި ފުޓްބޯޅާ އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އިބްރާހިމް އިސްމާއީލް އަލީ އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި، އޯ.ސީ.އޭ ރީޖަންގެ ސްޕޯޓްސް އެވޯޑް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ކުޅިވަރަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޝަރަފުވެރިކަމުގެ އިނާމްވެސް ލިބިވަޑައިގެންފައިވެއެވެ.

ބަދުރުއްނަސީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރު ރޭޑިއޯ ބްރޯޑްކާސްޓިންގ އާއި ގުޅިވަޑައިގެންނެވި ބަދުރުއްނަސީރު އަކީ ރޭޑިއޯ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 1971 ވަނަ އަހަރު ސިންގަޕޫރުގައި ފުރިހަމަ ކުރެއްވި ރޭޑިއޯ ޓެލެވިޛަން ތަމްރީން އާއި އެކު އެމަނިކުފާނު ވެވަޑައިގެންނެވީ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކުރެއްވި ބޭފުޅަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން 3 އަހަރުވަންދެން ވަނީ ކުރައްވާފައެވެ. ބަދުރުއްނަސީރަށް ވަނީ މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.