ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޖެނުއަރީ މަހު ބެއިޖިން އިން ނޭޕާލުގައި އިފްތިތާހު ކުރި ޕޮޚާރާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ފެށި ފަހުން އެ އެއާޕޯޓަށް ބައިނަލްއަގުވާމީ އެއްވެސް ފްލައިޓެއް އަދި ލިބިފައެއް ނުވެއެވެ.
އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާ، އިންޑިއާ އަދި އެހެން ގައުމުތަކާ އެކު އިންޓަރނޭޝަނަލް ދަތުރުތައް ބޭއްވުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި ބައިނަލްއަގްވާމީ އެއާލައިންތަކުން ޕޮޚާރާ އެއާޕޯޓަށް ދިއުމާއި އައުމުގެ ފުރުސަތު ކުޑަ ކަމަށް ފެނެ އެވެ. ބައިނަލްއަގްވާމީ ފްލައިޓްތައް ނެތި އެއާޕޯޓަށް ދެމެހެއްޓުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުމަކީ އެއަރޕޯޓް ހިންގާ ފަރާތުގެ ނުތަނަވަސް ކަމެކެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (ސީއޭއޭއެން)ގެ އޮފިޝަލުން ބުނާ ގޮތުގައި އެއާޕޯޓުގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށްޓަކައި ދުވާލަކު މަދުވެގެން 100 ޑޮމެސްޓިކް ފްލައިޓާއި ހަފްތާއަކު 50 އިންޓަނޭޝަނަލް ފްލައިޓް ލިބެން ޖެހެ އެވެ.