އެއް ފަޔާއެކު ފުޓްބޯޅަ ކުޅުމުން އާއްމުންގެ ސަމާލުކަން ލިބުނު، ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަށް ސަރުކާރުން ވީ ވަޢުދާއި އެއްގޮތަށް ޖަހައިދިން މަސްނޫއީ( ޕްރޮސްތެޓިކް) ފަޔާއެކު މާލެ އަތުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުން ޝަވަންގެ ފައިޖަހައިގެން މާލެ އައިސްފައިވަނީ އިއްޔެ ވަގުތެއްގައެވެ. އިންޑިއާގައި ޝަވަންވަނީ ފައިޖެހުމުގައި ހަތަރުމަހާއި ބައި ހޭދަކޮށްފައިއެވެ. އަދި މިއާއެކު ޝަވަންއަށް ޑޮކްޓަރ އިރުޝާދު ދެއްވައިފައިވަނީ އެއްމަސް ވަންދެން ދުވާލަކު އެއްގަޑިއިރު ހިނގުމަށެވެ.

ޝަވަންއަށް ފައި ޖެހުމުގައި އެންމެހާ ކަންކަމެއް ފަހިކޮށްދެއްވައިފައިވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާއިންނެވެ. މީގެއިތުރުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފްވަނީ ޝަވަންއަށް އެހީތެރިވުމުގެގޮތުން ރަނިންގ ބްލޭޑެއްވެސް ހަދިޔާކުރައްވާފައެވެ.

އަދި ސަރުކާރުން މި ފޯރުކޮށްދެވުނު ރަނިންގ ބްލެޑާއެއްކޮށް، ޝަވަންގެ ހުނަރު ކުރިމަގުގައި ފެނިގެންދާނޭ ކަަމަށް އުންމީދު ކުރާކަމުގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީއިން ވަނީ ހާމަ ކުރައްވާފައެވެ.

ޝަވަންއަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ. ޝަވަން ކުޅޭތައް ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ، އާއްމުންގެ ސަމާލު ކަމަށް އެކަން އައެވެ. އަދި އެއް ފަޔާއެކު ޝަވަން ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފާއި ލޯބި ވަނީ ލިބިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަނިންގ ބްލޭޑާއި އެއްކޮށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މިފަދަ އެތްލީޓުން ދަނީ ވަނަތައް ހޯދަމުންނެވެ.