ޗައިނާގެ ތައުލީމީ މުއައްސަސާތަކަށް ޓައިވާނާއި އެމެރިކާގެ ތައުލީމީ މުއައްސަސާތަކުން ވަނުމަށް ހުރަސްއަލައި ދޮރުތައް ބަންދުކޮށްފިއެވެ. 1 އެޕްރީލްއިން ފެށިގެން އަޅާފައވާ ފިޔަވަޅުތަކުން، ޓައިވާނާއި އެމެރިކާގެ ތައުލީމީ މުއައްސަސާތަކުން ޗައިނާގެ އެޑިއުކޭޝަނަލް ޑޭޓާބޭސްތަކަށ ނުވަދެވޭނެއެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތް ގޮތުން ޗައިނާގެ އަދަބާއި ބޭސްވެރިކަމާއި ތާރީޚާ ބެހޭ ލިޔުންތައް ރައްކާކޮށްފައި ހުންނަ ޑޭޓާބޭސްތަކަށް އިލްމީ ދިރާސާތައް ކުރުމަށް ވަނުން އޮންނަނީ ހުއްދަ ކޮށްފައެވެ.

މި އައު ހުރަސްތަކަކީ، ޗައިނާގެ ތައުލީމީ މުއައްސަސާތަކުގައިވެސް ގައުމީ ސަލާމަތާ ބެހޭ އައު ފިޔަވަޅުތައް އެޅުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

ޗައިނާގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ޗެން ޔީޝީން ވިދާޅުވެފައި ވަނީ އޭނާގެ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ މުސްތަގްބަލަށްތަކައި އައު ސަލާމަތީ ކަންތައްތަކެއް ތައާރަފް ކުރުމެވެ.

ބެލެވޭ ގޮތުގައި ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތައް ކޮންޓްރޯލު ކޮށް ކޮންމެ މުއައްސަސާއެއްވެސް ގައުމީ ސަލާމަތަށް ހައްސާސް މުއައްސަސާއަކަށް ހަދާށެވެ. އެއާއެކު، ޗައިނާ ސަރުކާރާއި މުޖުތަމައު ވެގެންދާނީ އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރިވާ ސަލާމަތީ ކަންކަމަށް ހައްސާސް މުޖުތަމައަކަށެވެ.