ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޑިނަރނައިޓްގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.

ފަޒްނާގެ ވާހަކަފުޅުގައި ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި ސައްވީސްގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާ އަދި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމުގައި ވިދާޅުވިއެވެ.

ހަމައެހެންމެ ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނަރުހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ޚިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ޚިދުމަތްކުރެއްވި ދުވަސްތަކާއި ބައިވެރިވެވަޑައިގެންނެވި ބައެއް ބައްދަލުވުންތަކުގައި ބަލިމީހުންނާއި ގުޅޭގޮތުން އެކަމަނާ ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ޙިއްޞާ ކުރެއްވިއެވެ.

މިކަންކަން ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޞިއްޙީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންވެސް އަދި ނަރުސްކަން ދަސްކުރާ ދަރިވަރުންވެސް އެފަދަ ބަޔަކަށްވުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ރޭ ބޭއްވި ޑިނަރ ނައިޓްގައި، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި ލެކްޗަރަރުންގެ ގޮތުގައި ދިގު މުއްދަތައް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް "ލޯންގ ސަރވިސް އެވޯޑް" ހަވާލުކޮށްދެއްވީ އެކަމަނާއެވެ. މި ޑިނަރ ނައިޓްގައި ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުނގެނެމުންދާ ދަރިވަރުންނާއި ލެކްޗަރަރުންނާ އަދި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

-