އއ. އުކުޅަސް ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން ރާ ވިއްކާ ކަމަށް، އެރަށުތެރޭގައި އިޖުތިހާދު ކޮށްފައި ވާއިރު އެސަފާރީ އުކުޅަހު ފަޅުން ނެރުމަށް އިއްޔެ އެރަށު ކޯޓުން އަމުރެއް ނެރެފިއެވެ.

ރޭ ކޯޓުން ނެރުނު އަމުރުގައި އަންގާފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ ފަޅުން ނެރުމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި ހާލަތެއްގައި، ސަފާރީ ނެރުން ފަސް ކުރެވިދާނެ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.

އުކުޅަސް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މިރޭ 10:00 ގެ ކުރިން އެ ސަފާރީ އުކުޅަސް ފަޅުން ނެރެން ޖެހެއެވެ.

ގެސްޓް ހައުސް ވިޔަފާރި، ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އުކުޅަހުގައި ރާ ވިއްކާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ މިމައްސަލަ މީގެ ކުރިން ވަނީ އެ ރަށު ކައުންސިލަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ކައުންސިލުން އެކަށީގެންވާ އެއްބާރުލުން މި މައްސަލައިގައި ނުލިބޭ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

އުކުޅަސް ކައުންސިލް އިދާރާ ކުރިމަތީ ބޮއްކުރާއެއް ބަހައްޓައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް އެސްއޯ ފުލުހުންވަނީ އެ ރަށަށް ގޮސްފައެވެ. ރަށުގެ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން ސަފާރީ ބަލައި ފާސްކުރި އިރު ސަފާރީން ބަނގުރާ ފެނިފައެއް ނުވެއެވެ.

ސަފާރީ ބަލައި ފާސްކުރި އިރު އެއްވެސް ވަރަކަށް ބަނގުރާ ފެނިފައި ނުވުމުން، އެ ރަށު ރައްޔިތުން ތުހުމަތުކޮށްފައިވަނީ ފުލުހުން ސަފާރީ ބަލާކަން އެގުމުން ރާ ފޮރުވާފައިވާ ކަމަށެވެ.