ފޮޓޯގައި މި ފެންނަނީ އިޒްރޭލު މީޙުން އިސްލާމީ ޖިހާދުގެ ރޮކެޓް ހަމަލާއަށް ބިރުން ޝެލްޓާއާ ދިމާއަށް ފިލަން ދުވާ މަންޒަރެވެ.
އިޒްރޭލު މީޑިއާއިން ކުރާ ސުއާލަކީ މިވީ ކިހިނެއް ހެއްޔެވެ؟ ޒަޔަނިސްޓް ސަރުކާރުގެ ބޮޑު ވަޒީރާއި ދިފާއީ ވަޒީރު ފަލަސްތީނަށް ހަމަލަ ދިނުމަށްފަހު މީޑިއާގައި އިއުލާން ކުރީ މެންދަމު ދިން ޙަމަލާގެ ފުރަތަމަ ސިކުންތުތަކުގެ ތެރޭގައި އިސްލާމީ ޖިހާދުގެ 3 ލީޑަރުން ޝަހީދުކޮށް އިޒްރޭލުން ހާސިލުކުރަން ބޭނުންވި މަގްސަދު ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް 5 ދުވަހަށް އިސްލާމީ ޖިހާދުގެ ހަމަލަތައް މެދުނުކެނޑި ކުރިއަށް ގެންގޮސް މޮޅު އިޒްރޭލުގެ ސިފައިން ގިއްގަޅުވާލުމުން މީހުން ދަނީ މިވީ ކިހިނެއް ހޭ އަހަމުންނެވެ.
އިޒްރޭލު މީޑިއާ ބުނާ ގޮތުން 5 ދުވަސްވަންދެން އިޒްރޭލުގެ އާބާދީގެ ދެބައިކުޅަ އެއބައި މީހުން މަސައްކަތަށް ނުނުކުމެ ބަންދުވެފައި ތިބީ ޝެލްޓާތަކުގައެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ޒަޔަނިސްޓް ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ބުނަނީ އިސްލާމީ ޖިހާދުގެ ރޮކެޓް އުފައްދާތަންތަނާއި ރޮކެޓް ގުދަންތައް ގޮއްވާލަމުން އިޒްރޭލުން ދިޔަ ކަމަށެވެ. އެކަމަކުވެސް މީހުން ބުނަނީ އެވަރަށް ތަންތަން ގޮއްވާލި އިރުވެސް އިސްލާމީ ޖިހާދުން އެހާ ގިނަ ރޮކެޓްތައް އިޒްރޭލުގެ ރަށްތަކަށް ފޮނުވާލީ ކިހިނެއް ހެއްޔެވެ؟
އިސްލާމީ ޖިހާދުން ހަނގުރާމަ ކުރީ ގުދުސް ބްރިގޭޑެވެ. އިސްލާމީ ޖިހާދަކީ ޙަމާސްއާ އެއްވަރުގެ ބާރުގަދަ ޖަމާއަތެއް ނޫނެވެ. އަދި ގުދުސް ބްރިގޭޑަކީ ޙަމާސްގެ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑް ހައި ބިރުވެރި ބްރިގޭޑެއްވެސް ނޫނެވެ. އެކަމަކުވެސް އިޒްރޭލު މަސްއޫލުވެރިންނާއި މަދަނީންގެ ހައިރާން ކަމަކީ އެހާ ގިނަ ދުވަހަށް، އަދި އިސްލާމީ ޖިހާދުގެ އަމިއްލަ ރުހުމުގައި ހަނގުރާމަ ހުއްޓާލުމާ ހަމައަށް އެމީހުންނަށް ހިފަހައްޓާލެވުނީ ކިހިނެއް ހެއްޔެވެ؟