އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަނިކޮށް ހައްޔަރު ކޮށްފައިވަނީ މާލެ، ހ. ފައިމާވިލާ، 42އަހަރުގެ ހުސެއިން އަކްރަމްއެވެ. އަކްރަމްގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

މިދިޔަ ހުކުރު ދުވަހު ހުސެއިން އަކްރަމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ބަންދު އަމުރުގައިވާ ގޮތުގައި، އަކްރަމް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ، ތުހުމަތުކޮށްގެން ހައްޔަރުކޮށްފައިވާ ކުށް، އޭނާ ކޮށްފައިވާކަން އެނގޭ މިންވަރަށް ހެކި ލިބިފައިވާތީ އެވެ. އެގޮތުން ކޯޓު އަމުރުގައި، ފުލުހުން ހުށަހެޅި ބަޔާނުގައި ހުސެއިން އަކްރަމްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓުތަކެއް ފެނިފައިވާކަަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އަކްރަމްގެ ކޯޓުއަމުރުގައި އޭނާ ބަންދު ކުރުމަށް ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށްވެސް ވެއެވެ.

"ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި މީނާ އަތުން ފެނިފައިވުމާއި، ފެނިފައިވަނީ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ކަމަށް ބެލެވޭތީއާއި، އިންޓެލިޖެންސް ރިޕޯޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މީނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ބެލެވޭތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނެއެވެ..،" ކޯޓު އަމުރުގައި ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު، ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އެ އޮފިސަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ އޮފިސަރު ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަންސްގެ އޮފިސަރަކުވެސް ހައްޔަރުކުރިއެވެ. ޖަލަށް ފޯނާއި ޑްރަގް އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ބައިވެރިވުން އޮންނަ ކަމަށް ތުހުމަތުކޮށް އަދި އެތައް ފަހަރެއްގެ މަތިން ވަނީ މިކަން ފަޅާ އަރައި އަދި ބައެއް އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވެސްވެއެވެ.