ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެއިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މަޖިލީހުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި އަދި މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުންނެވެ.

އެ ގްރޫޕުގައި ހިމެނޭ ޕާޓީތަކަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ. މި ގުރޫޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގުރޫޕެކެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން 10 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ. މަޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން، އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.

މައުލޫމާތު ލިބޭ ގޮތުން ރިފްޢަތުގެ މައްސަލަ ހުށަހެޅުއްވީ 15 މެންބަރުންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހުއެވެ