ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ ގުޅިގެން އެކުލަވައިލި ކޯލިޝަނުން ނިންމާފައި ވަނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ޝާހިދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވަނީ ވައްދާފައެވެ.
"ފޯޅަވަހި ކޯލިޝަން" އިން ވަނީ ސަރުކާރުން ކަނޑު "ވިއްކާލުމުން" އޭގެ ބޮޑު މަންފާއެއް ޝާހިދަށް ވިކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން, ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ މި މައްސަލައާ ގުޅިގެން އިންޑިއާ އާއެކު ސަރުކާރުން ހެދި "ސިއްރު ޑީލް" ގެ ސަބަބުން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. މި ބޭބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން ނިންމީ "ގައުމަށް ހިޔާނާތްތެރިވުމުން" ކަމަށް މި މައްސަލާގައި އުފައްދާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.
ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވައްދާފައިވާ އިރު އެ ކޯލިޝަނުން ޝާހިދުގެ މައްސަލަ ވެސް މަޖިލީހަށް މިއަދު ހުށަހެޅިއެވެ. މައުލޫމާތު ލިބިފައިވާގޮތުަގއި ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން ހިމެނެއެވެ.
ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮއިންނެވެ. ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 43 ވޯޓެވެ.