މާލެސިޓީ ބޮޑުތަކުރުފާނު މަގުގެ އެއްފަރާތުގައި އިންދާފައިވާ ރުއްތަކުގެ ތެރެއިން ބައެއް ރުއްތައް މަރުވަނީ ނޫންކަމަށާއި އެއީ މޫސުމަށް އަންނަ ބަދަލުން ރުއްތަކަށް ދިމާވާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީގެ ބޭރުމަގު ޒީނަތްތެރި ކޮށްދޭ ހިތްގައިމު ރުއްތަކުގެ ތެރެއިން ބައެއް ރުއްތައް ހަލާކުވެ ފީވާކަހަލަ ގޮތަކަށް ހުންނަތާ ދުވަސްކޮޅެއް ވެފައިވާތީވެ، އެކަމާ ބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ "ހަލި" ނޫހުން ކޮށްލި ސުވާލަށް، ސިޓީ ކައުންސިލުން ބުނީ މިއީ މޫސުމީ ކަމެއް ކަމަށާއި ރުއްތައް މަރުވަނީ ނޫންކަމަށެވެ. އަދި މިހާރު އެ މައްސަލަ ދިމާވި ރުއްތައް ރަނގަޅުވަމުން އަންނަކަމަށާއި މި މައްސަލަ ދިމާވެފައިވަނީ ހުރިހާ ރުއްތަކަކަށް ނޫންކަމަށެވެ.

ސިޓީކައުންސިލުން ބުނީ ވޭތުވެދިޔަ ދުވަސްތަކަކީ ވަރަށްވެސް ބޮޑަށް ހޫނުގަދަ ދުވަސްތަކެއް ކަމުން އަވީގެ ސަބަބުންނާއި އަދި ކަނޑުން ކޮށްފައިވާ ލޮނުގެ އަަސަރުން ރުއްތަކަށް ދިމާވި މިމައްސަލަ އާ ބެހޭ ގޮތުން ހާއްސަ ކަމުގެ މާހިރުންނާ މަޝްރަވާ ކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި، ރުއްތަކާ ބެހޭ ގޮތުން މީޑިޔާއާ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ސިޓީކައުންސިލުން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުންނަ މި ރުއްތަކުގެ ވަށައިގެން ކަހަލަ ގޮތަކަށް ހައްދާފައި ހުރި އެކިކުލައިގެ ބޯގަންވިލާ ގަސްތަކެއް ވަގަށް ގެންދިޔަ މައްސަލައެއްވެސް ދިމާވިއެވެ. މާލޭގެ މަލަމަތި އަދި ވަށައިގެން ޒީނަތްތެރިކަމުގެ ބޮޑު ރޯލެއް ކުޅޭ މި ރުއްތަކަށް އެތައް ބައެއްގެ ސަމާލުކަން ދެވެއެވެ. ގިނަ ބަޔަކު ރުއްތަކާއެކު އަދި ރުއްތައް ރޭގަނޑު ދިއްލިފައި ހުންނައިރު ވަކިންވެސް، ފޮޓޯ ނަގައި އިންސްޓަގްރާމާއި ފޭސްބުކްގައި ފޮޓޯ ހިއްސާ ކުރެއެވެ.