ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ފަށަން ވަނީ ތާވަލު ކޮށްފައެވެ. ހުސްވި އޭޕްރީލްމަހުގެ 27 ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.
ފުރަތަމަ ދައުރުގައި، މަޖިލީހަށް ގިނަ ބިލު ތަކަކާއި ގަރާރު ތަކަކާއި މައްސަލަތަކެއް ވަނީ ހުށަހަޅާފައެެވެ. ނަމަވެސް ފުރަތަމަ ދައުރުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ އެހެން ދައުރުތަކާ ހިލާފަށް ވަރަށް މަޑުންނެވެ.
ފުރަތަމަ ދައުރުގެ މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ތިންވަނަ ދައުރުން ލިބުނު 20 ބިލާއި މިއަހަރު ހުށަހެޅި 11 ބިލާއެކު ޖުމުލަ 31 ބިލު މަޖިލީހުގައި އޮތެވެ. ނަމަވެސް މަޖިލިސް ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައިރު ފާސް ކުރެވިފައިވަނީ އެންމެ ދެ ބިލެވެ.
އެއީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލެވެ. ބިލު ތަކުގެ ތެރެއިން ފަސް ބިލު މަޖިލީހުގެ ތަޅުމުގައި އޮތް އިރު 24 ބިލު ކޮމިޓީ މަރުހަލާގައި އެބައޮތެވެ.
ކުރީ ދައުރުގެ 11 ގަރާރާއި މިދައުރުގައި މެންބަރުން ހުށަހެޅުއްވި 19 ގަރާރާއެކު މަޖިލީހުގައި 30 ގަރާރު އޮތްއިރު، ފުރަތަމަ ދައުރުގައި ނިންމާލެވުނީ އެންމެ ހަތް ގަރާރުގެ މަސައްކަތެވެ. 13 ގަރާރު މަޖިލިސް ތަޅުމުގައި އޮތް އިރު 10 ގަރާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ކުރީ ދައުރުގައި އޮތް އެއް މައްސަލައާއި، މި ދައުރުގައި ހުށަހެޅި 12 މައްސަަލައާއެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 13 ގައި އޮތްއިރު، ނިންމާލެވުނީ 10 މައްސަލައެވެ. އެއް މައްސަލަ މަޖިލިސް ތަޅުމުގައި އޮތްއިރު ކޮމެޓީ މަރުހަލާގައި އޮތީ ދެ މައްސަލައެވެ.
މި ދައުރުގައި މެންބަރުން ހުށަހެޅި ކުއްލި 10 މައްސަލަ ވަނީ ނިންމާލައިފައެވެ. ކުރީ ދައުރުގެ ދެ މައްސަލައާއި ނިމުނު ދައުރުގައި ހުށަހެޅި އެއް މައްސަލައާއެކު މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ނިމުނު ދައުރުގައި ވަނީ ނިންމާފައެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ދެ މައްސަލަ އަދިވެސް އެބައޮތެވެ.
ނިމިދިޔަ ދައުރު އެންމެ ބޮޑަށް މަޖިލިސް ތަޅުމުން ފާހަގަ ވެގެން ދިޔައީ އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކެވެ. ރައީސް ސލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން ވަނީ އިތުރުވެފައެވެ.
މަޖިލީހުގެ ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ މަސައްކަތް ފަށްޓަވާއިރު، މަޖިލީހުގެ ކޮމެޓީތަކުގައި މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އަދި މަޖިލީހަށް ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްވެސް މަޖިލީހުގެ އިދިކޮޅު މެންބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ބަންޑާރަ ނައިބް އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައެވެ. މިމައްސަލަ މަޖިލީހުން ކުރިއަށް ގެންދެވޭނަކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.