ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް، ޑްރޯންއެއް ބޭނުން ކޮށްގެން، މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ކަރެކްޝަންސް އިން އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިއަދު ހެނދުނު ޑްރޯން ބޭނުން ކޮށްގެން އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އައްސޭރި ޖަލު ބަލަހައްޓާ އޮފިސަރުން ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

އައްސޭރި ޖަލަށް 5 ނާކޮޓިކްސް ގެ ބުލެޓްސް އާއި 5 ސިމް ކާޑު ވެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސިީޕީ އަހްމަދު ވަނީ ވިދާޅުވެފައެވެ. އެ ބުލެޓުތަކުގައި 29 ގްރާމް ހުންނާނެ ކަމަށް އޭނާ ލަފާކުރެއެެވެ.

މިިދިޔަ ހުކުރު ދުވަހު އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފައި ވާއިރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އެ އޮފިސަރު ހައްޔަރުކޮށްފައި ވަނީ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވައްދާ ބޭނުންކުރާ ކަމުގެ ޝަކުވާތައް ގިނަވެފައިވާއިރު އެގޮތުން ގިނަ އަދަދަކަށް ފޯނާއި ސިމް ކާޑު ފަދަ ތަކެތި ވައްދާ މައްސަލައަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ.