އޭނާ ދަންނަ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީން ދެކެ ލޯބިވާ ބޭފުޅެއް ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ ކްރިސްމަސް ފާހަގަކުރި ފަރާތްތަކަށް އެ ދުވަހުގެ ތަހުނިޔާ ނަޝީދު ފޮނުއްވުމުން އެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްވީޓުތަކެއް ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ވެސް އިޔާޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒު ފަދަ ބޭފުޅަކު މިފަދަ ފިތުނަ އުފެއްދީތީ ހިތާމަކުރާ ކަމަށެވެ.

އަޅުގަނޑު ދަންނަ ރައީސް ނަޝީދަކީ އިސްލާމް ދީންދެކެ ލޯބިވެވަޑައިގަންނަވާ އިސްލާމް ދީނުގައި ސާބިތުވެތިބުމަށް އެހެންމީހުނަށްވެސް ބާރުއަޅުއްވާ އެކަމަށް ހިތްވަރާ ނަސޭހަތް ދެއްވާ ބޭފުޅެއް.
ޝިފާއު

ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވައި ނަޝީދު ކުރެއްވި އެ ޓްވީޓަށް އިޔާޒުގެ އިތުރުން އެހެން ބައެއް އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް މިހާތަނަށް ނަޝީދު އެއްޗެއް ވިދާޅެއް ނުވެއެވެ.