ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށްފަހު އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރުމަށް ޕާކިސްތާން ސަރުކާރުން ފިޔަވަޅު އެޅުމުން އެގައުމަށް 2.49 ބިލިއަން ރުޕީސްގެ ގެއްލުން ލިބިފައިވާ ކަމަށް ދަ އެކްސްޕްރެސް ޓްރިބިއުން ނޫހުން ބުނެ އެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ވެރިޔާ އިމްރާން ޚާން ހައްޔަރުކުރުމަށް ފަހު މުޅި ޕާކިސްތާނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މަރުކަޒީ ސަރުކާރުން އިންޓަނެޓް ބަންދުކުރި ނަމަވެސް އެ ކަން ކާމިޔާބެއް ނުވިއެވެ.

އެތައް ދުވަހެއް ވަންދެން ކަރަންޓް ކެނޑުމުގެ ސަބަބުން ވިޔަފާރިތަކާއި އީ-ކޮމާސް އަދި އޮންލައިން އެޑިއުކޭޝަނަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ. ޓެކްނޮލޮޖީގެ ދާއިރާތަކުންވެސް ވަނީ އެފަދަ ފިޔަވަޅުތަކުން ކުރިއެރުމާއި އީޖާދީ މަސައްކަތަށް ކުރާ އަސަރު ފާހަގަކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގައި އެދިފައެވެ.

ޕާކިސްތާނުގައި އިންޓަރނެޓް ބަންދު ކުރުމާ ގުޅިގެން ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށް، އަލުން އިންޓަރނެޓްގެ ޚިދުމަތް ގާއިމްކޮށް، އަސާސީ މިނިވަންކަމަށް ސަރުކާރުން އިހުތިރާމް ކުރުމަށް ގޮވާލާފައި ވެއެވެ.