މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޢަލީ ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުގެވަގުތެއްގައިކަމަށެވެ. އަދި އޭނާ އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމާ އަދި މެއި 11 ވަނަ ދުވަހު އޭނާ މާލެއައި މައުލޫމާތު ފުލުހުންނަށްވަނީ ލިބިފައިކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އެނާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އެނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުން ވިދާޅުވި ގޮތުގައި މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައެއް ނުވެއެވެ.

އަދި ޢަލީ ޢާތިފް ސާފީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގަންފައެވެ.