ހުޅުމާލޭގައި ހަންބޯ ކޮމްޕެނީން ހަދަމުން އަންނަ މަތީ ފަންތީގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފުލުހުން މަމްދޫހާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކުރަން މިއަދު ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ބުނެފައިވަނީ، ކޭޕާކް މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރު ވަނީ، މަމްދޫހު މަކަރާއި ހީލަތުން ފްލެޓް ވިއްކި ކަމަށް ބުނެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުންނަށް ވަނީ މިމައްސަލައިގައި މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. ހަމަ މި މައްސަލައިގައި އިތުރު ދެމީހެއްގެ ޕާސްޕޯޓު ހިފަަހައްޓާފައި ވާއިރު މަމްދޫހުއާ އެކު ކުންފުންޏެއް ހެދި އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރު އަބްދުލް ނާފިއު މުހައްމަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފަންތީގެ "ކޭޕާކް ރެސިޑެންސް" ފްލެޓްތަކުގެ މަސައްކަތް ކުރަނީ "ހަންބޯ" ކުންފުނިންނެވެ. މިކުންފުނީގެ 'މައިނޯރިޓީ ހިއްސާދާރު' ހަސަން މަމްދޫހު (މަންޑޭ) އަށް އެތައް ގޮތަކުން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

މި މައްސަލަ ފެންމަތިވި ނަމަވެސް ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫއު ނުހުއްޓޭނެ ކަމުގެ ޔަގީންކަން އެ މަޝްރޫއު ހިންގައި މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ ދީފައެވެ. މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށާއި ދެ ކުންފުނިން ހަދާފައިވާ އެގްރިމަންޓު ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.