ގައުމު އަނބުރާ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަން ތައްޔާރު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، ރައްޔިތުން މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ޖިހާދުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގައުމު އަނބުރާ ރައީސް ޔާމީނާއި ހަވާލުކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރާނެ. އަދި އެކަމުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން
އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ ކަމަށާއި އދިވެހިން ދިރިއުޅެމުން އައީ ތަނަވަސް ދިރިއުޅުމެއްގައި ކަމަށެވެ. މީގެ އިތުރުން ޔާމީންގެ ޒައާމަތުގައި ޒުވާނުނަށް ތަފާތު އެކި ފުރުސަތުތަކެއް ލިބި، ޒުވާނުނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާއި އެކު އެންމެ ބޮޑު ލޮޅުމެއް އައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ދާއިރާގައި މަސައްކަތް ކުރާ އެތައް ޒުވާނެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު ސަރުކާރަށް ވެދެވުނު އެހީއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޝަކުވާތައް ހުށަހެޅުނު ނަމަވެސް، މި ސަރުކާރަކީ އާޑުއިވޭ ސަރުކާރެއް ނޫން ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރަށް ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަމަށެވެ. އަދި ޝަކުވާތަކާއި، ކަންބޮޑުވުންތަކެއް އައި ނަމަވެސް ސަރުކާރުން އެކަމަށް ޖަވާބުދާރީވާތަން ނުފެންނަކަން އާދަމް ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.