ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދާ މިކޮންފަރެންސް ކުރިޔަށް ދަނީ މިއަދު ޖެން މޯލްޑިވްސްގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަޞީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެކަމަށެވެ. އަދި ކުށުގެވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަޞީލަތްތައް ފޯރުވައިދޭން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމަޢަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންޞާފް ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.އަދި 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ މުޅި ޤާނޫނު އަސާސީ އަލުން އިޞްލާޙްކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަޤިއްލު ގޮތެއްގައި ތަޙުޤީޤުތަަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާޙްކޮށްދެއްވީ ފައިޞަލް ނަސީމެވެ. ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މަޢުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މަޢުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާޙް ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.