ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލި ދައުވާގެ ހުކުމް މާދަމާ އިއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލައިގެއެވެ
މުއިއްޒުއަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 12:00 ޖަހާއިރު އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ހުސްވިމަހުގެ 17 ގައި ނިންމާލާފައިވާއިރު، މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވަނީ ކުރިއަށް އޮތް ރަސްމީ 15 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.