ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޒަމާން ޕާކް ގޭގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބަޔަކަށް ހިމަޔާތް ދީގެން އުޅޭތީ އެމީޙުން ހަވާލުކުރުމަށް، ޕަންޖާބް ސަރުކާރުން 24 ގަޑިއިރުގެ މުއްދަތެއް ދީފިއެވެ.

ސަރުކާރުން ބުނަނީ އެގޭގައި ތަންތަން ހުޅު ޖެހުމާއި ހަމަނުޖެހުން އުފެއްދުމުގައި ބައިވެރިވި، 40 ހަކަށް މީހުން ފޮރުވާފައިވާ ކަމަށެވެ.

ޕާކިސްތާންގެ ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ ވަނީ އިމްރާން ޚާން ހައްޔަރު ކުރާނެ ކަމަށް ރޭ ވިދާޅުވެފައެވެ. ނަމަ އެކަން އެގޮތަށް ހިނގާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަރުނަ ގޭހާއި ހަތިޔާރު އެޅި މަދުވެގެން 1،500 ފުލުހުން ޒަމާން ޕާކާ ދިމާއަށް ރޭ ގޮސްފައި ވެއެވެ. އަދި އެލައިޓް ޕޮލިސް ކޮމާންޑޯތަކާއި ފުލުހުން އޮޕަރޭޝަން ލީޑް ކުރާއިރު، ހަމަނުޖެހުން ހިނގައިފިނަމަ އަމާންކަން ނެގެހެއްޓުމަށް ހާލަތު ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ރޭންޖަރުން ތިބީ ހައި އެލާޓްގަ އެވެ.

ފުލުހުން ވަނީ މަގު ހުރަސްތައް ބަހައްޓައިގެން ޒަމާން ޕާކަށް ދާ ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ވަގުތީ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު އާމިރު މީރު ވިދާޅުވީ ބުރާސްފަތި ދުވަސް (މިއަދު) މެންދުރު ފަހު 24 ގަޑިއިރުގެ މުއްދަތު ހަމަވުމުގެ ކުރިން އޮޕަރޭޝަން ނުހިންގާނެ ކަމަށެވެ.

ފުލުހުންގެ ޚާއްސަ ވޭންތަކާއި، ފެން ޖަހާ ލޮރިތަކާއި މީހުން ބަންދުކުރާ ވޭންތަކާއި، ބުލްޑޯޒަރާއި، ބޮޑެތި މެޝިނަރީތަކާއި، ކަރުނަ ގޭސްޖަހާ މެޝިންތަކާއި، އެލައިޓް ޕޮލިސް ފޯސް ކޮމާންޑޯތައް މިހާރު ވަނީ ޒަމާން ޕާކް ވަށާލާފައެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޕާކިސްތާން ސިފައިންގެ މަރުކަޒުތަކާއި އިމާރާތްތަކަށް ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ސިފައިން އަސްކަރީ ކޯޓެއްގައި އިމްރާން ޚާން ވެސް ހައްޔަރުކޮށް ޕާޓީގެ އެހެން ލީޑަރުންނާއި އެކްޓިވިސްޓުންނާ އެކު ޝަރީއަތް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިއަދަކީ އިމްރާން ޚާން ކޯޓަށްވެސް ހާޒިރުވާން ޖެހޭ ދުވަހެވެ.