ޔުއެފާ ޗެމްޕިއަންސް ލީގް ސެމީފައިނަލުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް މޮޅަށް ކުޅެ 4-0 ގެ ބޮޑު ތަފާތަކުން މެޗް ކާމިޔާބު ކޮށް މެންޗެސްޓަރ ސިޓީ ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސިޓީގެ މަޑުނުލާއި ހުދުކުލައިން ވިދާލާފައި އޮތް ދަނޑުގައި ސިޓީއިން މެޗުގެ ފުރަތަމަ ސިކުންތުން ފެށިގެން މެޗް ނިމެންދެން ދެއްކި ކުޅުމަކީ މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޓީމަކުން ދެއްކި އެންމެ ރީތި އެންމެ ތަފާތު ބޮޑު ކުޅުމެވެ.

ފުރަތަމަ ތިރީސް މިނެޓުގެ ތެރޭގައި ރެއާލްއަށް އެންމެ 45 ވަރަކަށް ޕާސް ހަމަކުރެވުނުއިރު ފުރަތަމަ ހާފުގައި ރެއާލް ފެނުނީ ވަަރަށް އާދައިގެ ޓީމެއްގެ ގޮތުގައެވެ.

މެޗުގެ އުސްއަލިތައް:

https://webstories.sonyliv.com/stories/646524f1590250b27d845171/Story_pt7ENb10M.html

ސިޓީގެ ވަރުގަދަ ފޯވާޑް އާލިންގ ހާލަންޑް މޭންމާކް ކުރުމަށް ވަރަށް ބޮޑަށް އިސްކަންދީގެން ރެއާލްއިން ކުޅުނުއިރު އޭގެ ފައިދާ ވިންގަރ ބާނާޑޯ ސިލްވާ ދިޔައީ ނަގަމުންނެވެ. ސިޓީގެ ފުރަތަމަ 2 ލަނޑުވެސް ކާމިޔާބު ކުރީ ބާނާޑޯއެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ބާނާޑޯ ޖެހީ 37 ވަނަ މިނެޓުގައެވެ. އޭގެ ކުރިން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ދިފާއު ކުރިއެވެ.

ދެވަނަ ހާފުގައި ރެއާލްއިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިގޮތުން ޑޭވިޑް އަލަބާ ފޮނުވާލި ހަމަލާ އަމާޒުވީ ސިޓީގެ ގޯލުގެ މަތީ ދަނޑިއަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ހާލަންޑް ފޮނުވާލި ހަމަލާއެއް ކޯޓުއާ އަތުގައި ޖެހުމަށްފަހު ދިޔައީ ބޭރަށެވެ. ސިޓީގެ ތިންވަނ ލަނޑު އަކަންޖީ ކާމިޔާބު ކުރީ 76 ވަނަ މިނެޓުގައެވެ. ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރީ މެޗް ނިމެން އުޅެނިކޮށް ކުޅެން އެރި އާޖެންޓީނާގެ ވަރލްޑް ކަޕް ތަރި ޖޫލިއަން އަލްވަރޭޒްއެވެ.

ފައިނަލުގައި ސިޓީ ބައްދަލު ކުރާނީ އިންޓަމިލާނާއެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 11 ވަނަ ދުވަހުއެވެ.