ބަންޑާރަނައިބު އިބްރާހިމް ރިއްފަތަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އަރުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ފައްޓަވަމުން ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 13 މެންބަރުންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް، އެޓާނީ ޖެނެރަލަށް 16 މެއި 2023 ގައި ވަނީ ފޮނުވާފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާ އެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ ވަކިގޮތަކަށް ނިމުނުފަހުން، އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ. އިދިކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ.