ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މޭޔަރު މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއް ކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ އޭނާ ދެއްވި ބަޔާނެއް ކަމާ ޝައްކު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެއިތުރުން، ނޫމަޑިއާ ސަރުކާރުން ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެފަދަ ޝެޑިއުލެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ދައުލަތުން ބުނާ ނަމަ އެފަދަ އެއްވެސް ނިންމުމެއް ދައުލަތަަށް ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ގާޒީ ސޮފްވަތު ވިދާޅުވި އެވެ.
ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި އެ ދައުވާ ސާބިތުވިޔަސް، މުއިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.
ދައުލަތުން މުއިއްޒުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.
ސަފްއަތު ހަބީބު އަކީ މި މައްސަލައާ ހަވާލުވި ތިން ވަނަ ގާޒީއެވެ.