ވެރީންގެ މައްޗަށް ބަދު ދުޢާކުރުމަކީ އިސްލާމްދީން ގޮވާލާ ކަމެއްނޫން

1

ނަސްރުﷲ މުސްޠަފާ

އިސްލާމްދީނުގައި މުސްލިމާގެ ހަތިޔާރަކީ ދުޢާއެވެ. މައިންބަފައިން ސިއްރިޔާތުގައި  އެމީހުންގެ ދަރީންނަށް ކުރާ ހެޔޮދުޢާ، ދުޢާގެ ޝަރުޠު ހަމަވާނަމަ، މަޤްބޫލް އެއްޗެއްކަމަށްވަނީ ލައްވާފައެވެ. މުސްލިމާއަށް އޭނާގެ އަޚާއަށާއި އުޚްތާއަށް ސިއްރިޔާތުގައި ދުޢާކުރުންވަނީ ޝަރުޢުކުރައްވާފައެވެ. މުއުމިނާގެ ޙިމާޔަތުގައި އޭނާ ދުޢާ ޤަޟާ ގަދަރަށްވެސް ދޫނުކުރާ ޙާލަތު އާދެއެވެ.

Advertisement

ދުޢާ ލައްވާފައިވަނީ މުއުމިނުންގެ ކިއްލާގެ ފާރަވެރިއެއްގެ ގޮތުގައެވެ. ވަށައިގެންވާ އިންފާރެއްގެ ގޮތުގައިއެވެ. މަންޒިލަކަށް ފައިބާއިރު ކިޔާ ދުޢާއެވެ. ސަވާރީއަކަށް އަރަމުން ކިޔާދުޢާއެވެ. ހެނދުނާއި ހަވީރުގެ ދުޢާތަކެވެ. މިހުރިހައި ދުޢާތަކުންވެސް އެންމެ ފައިދާ ބޮޑު ދުޢާއަކީ އެންމެ ގިނަބަޔަކަށް އެދުޢާގެ ސަބަބުން ފައިދާކުރާ ދުޢާއެވެ. އެއީ ވެރީންނަށް ކުރާ ހެޔޮ ދުޢާއެވެ. ވެރީންގެ މައްޗަށް ބަދު ދުޢާކުރުމަކީ އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ ޢިލްމުވެރީން ދައްކަވާފައިވާ ނަމޫނާއާއި ޚިލާފް ކަމަކަށްވަނީ އެހެންވެއެވެ.

ވެރީންގެ މައްޗަށް ބަދު ދުޢާކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. ނަހީކުރާކަމެކެވެ. އެހެނީ އޭގައި އެއްވެސް ހެވެއް ނުވާނެތީއެވެ. މުޅިންވެސް އޭގައި އޮތީ ގެއްލުމެވެ. ހަލާކެވެ. އޭނާ އިސްލާޙަށް ދުޢާކޮށްފިނަމަ މާރަނގަޅުވާނެއެވެ. ފައިދާ މާބޮޑުވާނެއެވެ. އެދުޢާ ﷲގެ ޙަޟްރަތުގައި މަޤްބޫލްވެ އޭނާ އިސްލާޙްވެ އިސްލާމީ އުއްމަތުގެ ލާބަޔާއި މަންފަޢައަށް މަސައްކަތްކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެކެވެ.  ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ:” ثلاث لا يغل عليهن قلب مؤمن إخلاص العمل لله والنصيحة لولاة المسلمين ولزوم جماعتهم فإن دعوتهم تحيط من ورائهم (صحيح سنن ابن ماجة،3056).

މާނައކީ:”މުއުމިންމީހާގެ ހިތުގައި އެއްވެސް ބުރަކަމެއް ނުރުހުންތެރިކަމެއް ވާންނުޖެހޭ ތިންކަމެއްވެއެވެ، އެއީﷲއަށް ކުރާޢަމަލްތަކުގައި އިޚްލާޞްތެރިވުމާއި މުސްލިމުންގެ ވެރީންނަށް ނަޞޭޙަތްތެރިވުމާއި އަދި އެބައިމީހުންގެ ޖަމާޢަތުގައިވުމެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުންގެ ހެޔޮއެދުންތަކާއި ދުޢާތައް ވެރީންގެ ވަށައިގެން ވާނެއެވެ”.

އަދި ވެރީންނަށް އެއްޗެހި ނުކިޔުމަށާއި ވެރީންނަށް ރުޅިނައުމަށް  ނަޞޭޙަތްދެއްވައި ޙަދީޘްކުރައްވަނީ:” لا تسبوا أمراءكم ولا تغشوهم ولا تبغضوهم واتقوا الله واصبروا (السنة،جـ2،الحديث 1015) ” މާނައީ:” ތިޔަބައިމީހުންގެ ވެރީންނަށް އެއްޗިހި ނުކިޔާށެވެ. އަދި އެބައިމީހުންނަށް މަކަރުނަހަދާށެވެ. އަދި ހަމައެފަދައިން އެބައިމީހުންނަށް ރުޅިވެސް ނާންނާށެވެ، އަދި ﷲއަށް ބިރުވެތިވެ ކެތްތެރިވާށެވެ”. އެހެންވެ އިމާމް ބަރުބަހާރީ ވިދާޅުވަނީ:”ދަންނާށެވެ، ވެރީންގެ މައްޗަށް ނުބައި ދުޢާކުރާމީހާއަކީ ހަވާނަފްސަށް ތަބަޢަވެގެން ހުރިމީހެކެވެ، އެކަމަކު ވެރީންނަށް ހެޔޮދުޢާކުރާމީހާ ﷲ އިރާދަކުރެއްވިއްޔާ ވަނީ ސުންނަތުގެ މަތީގައިއެވެ”.

ފުޟައިލް ބިން އިޔާޟާއި އިމާމް އަޙްމަދުގެ ފަރާތުން އައިސްފައި ވެއެވެ:”ތިމަންނައަށް އިޖާބަ ކުރައްވާނޭ އެއްމެ ދުޢާއެއް ލިބިފައިވިއަސް އެދުޢާ ކުރާނީ ވެރިޔާއަށެވެ”.

އެހެނީ ވެރިޔާއިސްލާޙް ވެއްޖެނަމަ އެތައްބަޔަކު އިސްލާޙް ވެގެންދާނެއެވެ. އަދި އެހެނިހެން މީހުންގެ ތެރެއިން މީހަކަށް އެދުޢާކޮށް އިސްލާޙް ވިއަސް ވެރިޔާގެ ފަރާތުން ފޯރާ އަސަރެއް ނުފޯރުވޭނެއެވެ. އެހެންވީމާ ވެރީންނަށް ބަދު ދުޢާކުރާމީހާއަށް އެއެދެވެނީ އެވެރިޔާގެ ނުބައިކަމަށެވެ. އަދި ޢާއްމުރައްޔިތުންގެ ހަލާކަށެވެ. އެހެނީ ވެރިޔާ ނުބައިވެއްޖެނަމަ އޭގެ ނުބައި އަސަރު އެންމެނަށްވެސް ފޯރާނެއެވެ.

Advertisements

1 COMMENT

  1. މީގެ ކުރިން ބަދު ދުޢާކުރި މީހުން އެކުރީ ގޯސް ކަމެއްކަން ކަށަވަރުވެއްޖެ

Comments are closed.