ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުުރުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމައި ބައިވެރިވި ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މިއަދު ހަވީރު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެފެއާޒް އިމްރާން އަބްދުﷲއެވެ.

ވޯކްޝޮޕްގައި ބައިވެރިވެ، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެއްވި ފަރާތްތަކަށް މިވޯކްޝޮޕުން ލިބިގެންދިޔައީ ނުހަނު ބޭނުންތެރި މައުލޫމާތުތަކެއްކަން ފާހަގަ ކުރައްވަމުން ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލިބިގެންދިޔަ މައުލޫމާތާއި ތަމްރީނާއެކު ކުޑަކުދިންގެ ކަންކަން ކުރުމުގައި މުއައްސަސާތަކުން މިހާރަށްވުރެވެސް ހަރުދަނާ ގޮތެއްގެ މަތީން ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ދިވެހިމުޖުތަމައަށް ނުހަނު މުހިންމު އެހީތެެރިކަމެއް ފޯރުކޮށްދެވޭނެ ތަމްރީނުތަކެއް ލިބިގެންދިޔަ ވޯކްޝޮޕެއްކަމަށެވެ.

މި ވޯކްޝޮޕަކީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދު، ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބެލުމުގެދަށުން އުފެދި، ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް އޯވަރސައިޓް ކޮމެޓީގެ ނިންމުމުގެ ދަށުން، އދ.ގެ މަސްތުވާތަކެއްޗާއި ގާނޫނާއި ޚިލާފު އަމަލުތަކާބެހޭ އޮފީސް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު، 2021 ވަނަ އަހަރު ފެސިލިޓޭޓަރުންތައް ތަމްރީނުކުރެވި، ވަކި މެނުއަލެއް ހެދި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ 5 މުއައްސަސާއާ ގުޅިގެން، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތްކޮށް އެކުދިންގެ މަސްލަހަތުގައި ގޮތް ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި 5 ދުވަހުގެ ވޯކްޝޮޕެކެވެ.

މި ޓްރެއިނިންގައި ކުޑަކުދިންގެ އަދުލާ ގުޅިގެން އެކުލަވާލާފައިވާ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހުށަހެޅުމުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކުޑަކުދިންނަށް ހާއްސަ ނިޒާމެއް އޮތުމުގެ މުހިންމުކަމަށް ބައިވެރިން އަހުލުވެރިކުރެވިފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނާ މުއާމަލާތްކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ރިހެބިލިޓޭޓްކޮށް، ބިނާކުރަނިވިގޮތެއްގައި މުޖުތަމައަށް ނެރުމަށްޓަކައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، ގޮންޖެހުންތައް ހުރި ކަމުގައި ވިޔަސް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލައިލާފައިވެއެވެ.

ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކަށް ބައިވެރިން އަހުލުވެރިކޮށް، ކުޑަކުދިންގޭ ޙައްޤުތަކަށް އަހުލުވެރިކޮށް، އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައިވެސް ކުޑަކުދިންނަށް ލިބިގެންވާ ހައްގުތައް ކަށަވަރުކުރަންޖެހޭކަން ކަމާގުޅޭ މައުލޫމާތު ބަދަލުކޮށް ހިއްސާކޮށްފައިވެއެވެ.

ނިމިގެންދިޔަ ވޯކްޝޮޕަކީ މި އަހަރުގެ ފުރަތަމަ، ނަމަވެސް މި ފަދަ 6 ވަނަ ވޯކްޝޮޕެވެ. މާލޭގެ އިތުރުން ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ވަނީ މި ފަދަ ޓްރެއިނިންގއެއް ހިންގާފައެވެ. ޏ. ފުވައްމުލަކުގެ ޓްރެއިނިންގގައި ޏ އަތޮޅުގެ އިތުރުން އައްޑު އަތޮޅުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ. ހދ. ކުޅުއްދުއްފުށީގެ ޓްރެއިނިންގައި ހދ އަތޮޅުގެ އިތުރުން، ހއ އަދި ށ އަތޮޅުގެ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މިހާތަނަށް ބޭއްވުނު ޓްރެއިނިންގތަކުން ގާތްގަނޑަށް 170 ވަރަކަށް މީހުން ވަނީ ތަމްރީން ހާސިލްކޮށްފައެވެ. މި ފަހަރުގެ ޓްރެއިނިންގގައި 28 ފަރާތެއް ވަނީ ތަމްރީނުކުރެވިފައެވެ. ޔޫއެންއޯޑީސީން ވަނީ މި ޓްރެއިނިންގގެ އިތުރުން ރިފްރެޝަރ ޓްރެއިނިންގއެއްގެ ގޮތުގައި 2022 އޮކްޓޯބަރު 18އިން 19އަށް ވެސް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް އެހީތެރިވެފައެވެ.