ފ. އަތޮޅުގެ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ ފ. އަތޮޅުގެ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބުމުން، އެ އަތޮޅުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކަމަށެވެ.

ނަމަވެސް، ކަނޑުއަޑިއަށް ފައްތާފައިވަނިކޮށް ހޯދާފައިވަނީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި އެތަކެތި ފެނިފައިވަނީ ކިހާ ފުންމިނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.