ޖަރުމަނުގެ ލެވަކޫސަން ދެލެގުގެ އެގްރިގޭޓުން 1-0 އިން ބަލިކޮށް މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ ޔުރޮޕާ ލީގުގެ ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

މިދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގް ރޯމާގެ ދަނޑުގައި މިދިޔަ ހަފްތާގައި އެކްލަބުން ކާމިޔާބު ކުރީ 1-0 އިންނެވެ. ރޯމާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި ލެވަކޫސަން ދަނޑުގައި 0-0 އެއްވަރު ކޮށްލައިގެންނެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ޒަބީ އޮލޮންސޯގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަންއިން މެޗް ކޮންޓްރޯލްކޮށް 23 ހަމަލާ ރޯމާގެ ގޯލަށް ފޮނުވާލިއެވެ. މުޅި މެޗުގައި ރޯމާއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މިހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިދިޔަ ސީޒަނުގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ރޯމާއިން ޔުއެފާ ކޮންފަރެންސް ލީގްވެސް ކާމިޔާބު ކުރިއެވެ. ޖެހިޖެހިގެން ދެސީޒަނުގައި ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުން ރޯމާއަށް ޖާގަ ލިބުމަކީ އެކްލަބުގެ ތާރިހުގައި ރެކޯޑެކެވެ.

ފައިނަލުގައި މިމަހުގެ 30 ވަނަ ދުވަހު ރޯމާ ބައްދަލު ކުރަން ޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ސްޕެއިނުގެ ސެވިއްޔާއާއެވެ.

ސެވިއްޔާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް 2-1 އިން ބަލިކޮށް ދެލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ސެވިއްޔާއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައެވެ. މިލަނޑު 95 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެރިކް ލަމެލާއެވެ.